އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ހަދަމުންދާ އާ މަގު ހެދުމަށް ހުރަސްއެޅިފައިވަނީ އީކުއޭޓަރ ވިލެޖްގެ އިމާރާތެއް ހުސްނުކުރެވުމުގެ ސަބަބުން ކަމަށް އައްޑޫ އެއަރޕޯޓްސް ކޮމްޕެނީ (އޭއައިއޭ) އިން މިއަދު ހާމަކޮށްފިއެވެ.
ގަން އެއާޕޯޓް މަޝްރޫޢުގެ ދަށުން ހަދަމުންދިޔަ އާ މަގު، އެ ސަރަހައްދުގައި ހުރި އިމާރާތެއް ހުސްނުކުރެވުމުގެ ސަބަބުން ވަނީ ހުއްޓުމަކަށް އައިސްފައެވެ. މިކަމާ ގުޅިގެން އީކުއޭޓާ ވިލެޖް ހިންގާ ކައިމޫ ޓްރެވެލްސް އެންޑް ހޮޓެލްސް ސާވިސް އާއި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑް (އޭއައިއޭ) އަދި އައްޑޫ ރައްޔިތުންގެ މެދުގައި ޚިޔާލު ތަފާތުވުންތަކެއް އުފެދިފައިވެއެވެ.
އޭއައިއޭއިން ނެރުނު ވަރަށް ތަފުސީލު ދިގު ބަޔާނުގައި ބުނެފައިވާ ގޮތުގައި، މި ސަރަހައްދުގައި ހުރި އިމާރާތްތަކާއި ބިމަކީ ކުރިން އައްޑޫ އޮތޮޅު ގަން ބަލަހައްޓާ ޔުނިޓުން އީކުއޭޓާ ވިލެޖުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނެވެ. މިހާރު މި ތަންތަނަކީ އޭއައިއޭގެ އެސެޓްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ހަރުމުދަލެވެ.
އޭއައިއޭއިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، މި އިމާރާތްތަކާއި ބިން ކުއްޔަށް ދިނުމާ ގުޅޭގޮތުން އީކުއޭޓާ ވިލެޖް ހިންގާ ކުންފުނި ކަމަށްވާ ގޭން އިންވެސްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެކު މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވެއެވެ.
ގަން ބަލަހައްޓާ ޔުނިޓުން އީކުއޭޓާ ވިލެޖަށް ކުއްޔަށް ދޫކޮށްފައިވާ އިމާރާތްތަކާއި ބިމުގެ އެގްރީމެންޓުގެ މުއްދަތު ހަމަވުމާ ގުޅިގެން، 1 ޖުލައި 2012 އިން ފެށިގެން އައު އެގްރީމެންޓެއް ހެދުމަށް އޭއައިއޭއިން ގޭން އިންވެސްޓް މޯލްޑިވްސްއަށް އެންގިއެވެ. ނަމަވެސް ގޭން އިންވެސްޓް މޯލްޑިވްސްއިން އެދިފައިވަނީ ކުލި މަހަކު 40،000 ރުފިޔާއަށް ކުޑަކޮށް، 2017 އަށް ހަމަވަންދެން އިތުރު ބަދަލެއް ނުގެނެސް ބޭއްވުމަށެވެ.
އައު އެގްރީމެންޓްގައި ސޮއިކުރުން ފަސްކޮށްފައިވަނިކޮށް، ޓޫރިޒަމް ޤާނޫނަށް ގެނެވުނު އިސްލާހާ ގުޅިގެން، 2013 ގެ ނޮވެމްބަރުގައި ލޭންޑް ސާވޭ އޮތޯރިޓީން ކުރި ސާވޭގައި ލޭބާ ކުއާޓާސްގެ އިމާރާތްތަކާއި ބިންތައް ޓޫރިޒަމްގެ ބޭނުމަށް ދޫކޮށްފައިވާ ބިންތަކުގެ ގޮތުގައި ހިމަނައި، 4 ޑިސެމްބަރު 2013 ގައި ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީ ކުރެވުނެވެ.
އީކުއޭޓާ ވިލެޖު ހޮޓެލްގެ އެގްރީމެންޓްގައި ނުހިމެނޭ ބިމެއް 2013 ވަނަ އަހަރު އެ އެގްރީމެންޓުގެ ބައެއްގެ ގޮތުގައި ހިމެނުމަކީ އޭއައިއޭގެ ކަންބޮޑުވުމެކެވެ. މިކަމުގެ ސަބަބުން ކުންފުންޏަށް ލިބެންޖެހޭ އާމްދަނީގެ ބޮޑު ބައެއް އެތާރީހުން ފެށިގެން ނުލިބޭކަމަށް އޭއައިއޭއިން ބުނެއެވެ.
ކުންފުނިން ބުނެފައިވާ ގޮތުގައި، އެ ތަންތަނުގެ ކުއްޔަކީ ކުންފުންޏަށް ލިބެންޖެހޭ އެއްޗަކަށްވާތީ، އެއްބަސްވެފައިވާ ގޮތަށް ގޭން އިންވެސްޓް ކުންފުންޏަށް އިންވޮއިސްތައް ފޮނުވަމުން ގެންދިޔަ ނަމަވެސް، މިއަދާ ހަމައަށްވެސް އެ ފައިސާ ނުލިބޭކަން ފާހަގަކޮށްފައިވެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ނާޒިމް މުޙައްމަދު ވިދާޅުވެފައިވަނީ، ފިނޭންސް މިނިސްޓްރީން އަންގާފައިވާ ގޮތުގައި އީކުއޭޓާ ވިލެޖް ހޮޓެލް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ހިމެނެނީ ހަމައެކަނި ހޮޓެލްގެ ޓޫރިސްޓް ކޮޓަރިތައް ހުރި ސަރަހައްދުގެ ބިން އެކަނި ކަމަށެވެ.
އޭއައިއޭއިން ބުނެފައިވާ ގޮތުގައި، ގަމުގެ މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫޢުގެ ދަށުން މަގު ކުރިއަށްދާ ސަރަހައްދުގައި ހުރި ކޮޓަރިތައް ހުސްކުރަން ޖެހޭނެ ކަމަށާއި، އޭގެ ބަދަލުގައި އެ ސަރަހައްދު ކައިރިން ކޮޓަރި ހަމަޖައްސައިދީ، ދެފަރާތަށް ވަދެނިކުތުމުގެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށާއި، ބިމުން މަގުވާ ބަޔަށް ބިން އިތުރުކޮށްދޭނެ ކަމަށް ގޭން އިންވެސްޓް ކުންފުންޏަށް ހުށަހަޅާފައިވެއެވެ.
17 އޮގަސްޓް 2023 ގައި ލޭބަރ ކުއާޓާސް ސަރަހައްދުން ހުސްކުރަންޖެހޭ ކޮޓަރިތައް ފާހަގަކޮށް، އީކުއޭޓަރ ވިލެޖް ހޮޓެލްގެ ވެރިންނަށް ދައްކައި، އެތަން ހުސްކުރުމުން ހޮޓެލްގެ ހިންގުމަށް އަސަރެއް ނުކުރާނެކަމުގެ ޔަގީންކަން ދީފައިވާ ކަމަށާއި ނަމަވެސް، ކައިމޫއިން ނެރުނު ބަޔާނުގައި ބަޔާންކުރި ބަދިގެ، ސްޓާފް މެސް، ރިސޯޓް ލޯންޑްރީ، ގަރާޖް، ސްޓާފް ރެކްރިއޭޝަން އޭރިއާ އަދި ސްކްއަޝް ރޫމަކީ މަގާ ގުޅިގެން ހުސްކުރަންޖެހޭ ބިމުގައި ހުރި ތަންތަން ނޫންކަމަށާއި، އިތުރު ބިމެއް ނުވަތަ އިމާރާތެއް ދީގެންވެސް އެތަން ހުސްކުރަން އެއްބަސްވެފައި ނުވާކަމަށްވެސް އޭއައިއޭއިން ބުނެފައިވެއެވެ.
އޭއައިއޭއިން ވަނީ މި މަޝްރޫޢުއަށް ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަން ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ. އަދި މައްސަލަ ޖެހިފައިވާ ބިމަކީ އެ ކުންފުނީގެ ހަރުމުދަލަކަށްވެފައި، އެތަނުގެ މުޢާމަލާތްތަކުގައި މައްސަލަތަކެއް ހުރުމާއެކު، ޤާނޫނީ ލަފާ ހޯދުމަށްފަހު ޝަރީޢަތް މެދުވެރިކޮށް މައްސަލަ ހައްލުކުރުމާމެދު ގޮތެއް ނިންމުމަށް ކުންފުނީގެ ބޯޑަށް ހުށަހެޅުމަށް މެނޭޖްމަންޓުން ނިންމާފައިވާ ކަމަށެވެ.
މި ލިޔުން ކިޔާލުމުން