ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް، މޯލްޓާގެ ބޮޑުވަޒީރުގެ ނައިބު، ޑރ. އިއަން ބޯގް އާ ބައްދަލުކުރައްވައިފިއެވެ.
އިއްޔެ ކުރިއަށްދިޔަ މި ބައްދަލުވުމުގައި ދެ ވަޒީރުން ވަނީ ދިވެހިރާއްޖެއާއި މޯލްޓާ އަކީ ވަރަށް އެއްގޮތް ކަންތައްތަކާއި އުސޫލުތަކެއް ހިއްސާކުރާ ދެ ޤައުމުކަން ފާހަގަކުރައްވައިފައެވެ.
މީގެ އިތުރުން، ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅަކީ ދެ ޤައުމުގެ ގުޅުން އަލުން ވަރުގަދަކުރުމުގައި އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށާއި، ގުޅިގެން މަސައްކަތް ކުރުމުގެ ތެރެއިން ދެ ޤައުމުގެ ގުޅުންތައް ބަދަހިކުރުން މުހިންމު ކަމުގެ މައްޗަށް ދެ ވަޒީރުންވެސް އަލިއަޅުއްވާލެއްވިއެވެ.
ދިވެހިރާއްޖެއާއި މޯލްޓާ އަކީވެސް ކުދި ޖަޒީރާ ދެ ޤައުމުކަން ފާހަގަކުރައްވައި ދެ ވަޒީރުން ވެސް ވަނީ ތިމާވެށީގެ ކަންކަން، ޚާއްޞަކޮށް އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމުގައި ދެ ޤައުމުންވެސް ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެފައެވެ.
އަދި، ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުންތަކާއި ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކޮށް، ވަރުގަދަ އިޤުތިޞާދީ ގުޅުމެއް ޤާއިމްކުރުމަށް ދެ ވަޒީރުން އެއްބަސްވެވަޑައިގެންފައިވެއެވެ.
މީގެ އިތުރުން، ފަތުރުވެރިކަމާއި، މަސްވެރިކަމާއި މަތީ ތަޢުލީމުގެ ދާއިރާއިން ދެ ޤައުމުގެ އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުންވެސް އިއްޔެގެ ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވެއެވެ.
މި ލިޔުން ކިޔާލުމުން