Monday, November 2
ހިޔާގެ ބައެއް ޓަވަރުތަކުގައި ލިފްޓް ބަހައްޓާ ނިންމައި، ޓެސްޓް ކުރަން ފަށައިފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ޓަވަރުތަކުގައި ހަދަމުންދާ އިތުރު ލިފްޓްތަކުގެ ތެރެއިން ބައެއް ޓަވަރުތަކުގައި ލިފްޓް ބަހައްޓާ ނިންމައި، ޓެސްޓް ކުރަން ފަށައިފިއެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗީފް އޮޕަރޭޓިން އޮފިސަރު އަހުމަދު އިބްރާހިމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ހިޔާގެ ޓަވަރެއްގައި އާ ލިފްޓް ބަހައްޓައި، ޓެސްޓް ކުރަމުންދާ މަންޒަރު ފެންނަ ވީޑިއޯއެއް ހިއްސާ ކުރައްވާފައެވެ. "ހިޔާ ޓަވަރުތަކުގައި ހަދާ އިތުރު ލިފްޓްތަކުގެ ޓެސްޓިން މަރުހަލާ މިއަދު ފަށާފައި،" އޭނާ ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ސަބަބުން ހިޔާ ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އެތައް އަހަރެއް ވަންދެން ދިމާވެފައިވާ ލިފްޓު ތޮއްޖެހުމުގެ މައްސަލައަށް ހައްލު ލިބިގެންދާނެ ކަމަށް އަހުމަދު އިބްރާހިމް ފާހަގަކުރެއްވިއެވެ. އަދި މިއީ ރައީސް، ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދެއް ފުއްދިގެން ދިޔުން ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

މި މަޝްރޫޢު ކުރިއަށް ގެންދަނީ ޗައިނާގެ ޝެންޔަންގް ޔުއާން އިންޓެލެކްޗުއަލް ގުރޫޕާ ހަވާލުކޮށްގެންނެވެ. އެޗްޑީސީން ކުރިން ހާމަކުރެއްވި ގޮތުގައި މި މަޝްރޫޢުއަށް 18 މިލިއަން ޑޮލަރު (277 މިލިއަން ރުފިޔާ) ހޭދަވާނެއެވެ. އަދި މި މަޝްރޫޢުގެ ދަށުން ހިޔާގެ ހުރިހާ ޓަވަރެއްގައި ޖުމްލަ 32 ލިފްޓް ހަރުކުރެވޭނެ ކަމަށްވެސް އެޗްޑީސީން ވަނީ ހާމަކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު