މޫސުމީ ބަދަލުތަކުގެ ނުރައްކާތެރިކަން ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންދާ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުالله ވިދާޅުވެއްޖެއެވެ.
ޢަބްދުއްރަޙީމް މިހެން ވިދާޅުވީ އުޒްބަކިސްތާނުގެ ތަޝްކެންޓުގައި ކުރިއަށްދާ އިންޓަރ-ޕާލިމެންޓަރީ ޔުނިއަންގެ 150 ވަނަ އެސެމްބްލީގެ ހަވާސާގައި ކުރިއަށްދާ ނަން-އެލައިންޑް މޫވްމެންޓް ޕާލިމެންޓަރީ ނެޓްވޯރކްގެ 4 ވަނަ ކޮންފަރެންސްގައި ދެއްކެވި ވާހަކަފުޅުގައެވެ.
މިގޮތުން މި ކޮންފަރެންސްގައި ދެއްކެވި ވާހަކަފުޅުގައި ކުދި ޖަޒީރާ ޤައުމުތަކުގެ ނާޒުކުކަމަށް އަލިއަޅުއްވާލައްވަމުން ޢަބްދުއްރަޙީމް ވަނީ، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ދުނިޔޭގެ އެއްބާރުލުން ދިނުމަށް ގޮވާލައްވައި، އެކަމަކީ ދިވެހިރާއްޖެއަށް ސީދާ ގޮތެއްގައި އަސަރުކުރާ އަދި ދުވަހުން ދުވަހަށް ނުރައްކާތެރިކަން އިތުރުވަމުންދާ ކަމެއް ކަމުގައި ފާހަގަކުރައްވައިފައެވެ. އަދި، ޚާއްޞަކޮށް އެންމެ ބޮޑަށް ނުރައްކާތެރިކަމުގެ ތެރޭގައިވާ ޤައުމުތަކަށް، ތިމާވެށީގެ އިންސާފު ގާއިމުކުރުމަށް ނަން-އެލައިންޑް މޫވްމެންޓް (ނާމް)ގެ މެންބަރު ޤައުމުތަކުން ދޭ އަހައްމިއްޔަތުކަން އިތުރަށް ހަރުދަނާކުރުމަށްވެސް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
މީގެ އިތުރުން، އިޖްތިމާޢީ ރައްކާތެރިކަމުގެ ޤާނޫނާއި ލާމަރުކަޒީ ޤާނޫނު ފަދަ ޤާނޫނުތައް މެދުވެރިކޮށް އިންކްލޫސިވް ޑިވެލޮޕްމަންޓް ކުރިއެރުވުމުގައި ރައްޔިތުންގެ މަޖިލީހުން ހޯދާފައިވާ ކުރިއެރުންތަކަށް މަޖިލީހުގެ ރައީސް އަލިއަޅުއްވާލެއްވިއެވެ. އަދި، މި ޤާނޫނުތަކުގެ ސަބަބުން މުޖުތަމަޢުތަކަށް ބާރު ލިބި، ހަމަހަމަކަން ކުރިއަރާފައިވާކަމަށްވެސް މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ޤައުމީ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަންތައްތައް ކުރިއަށްދޭތޯ ބެލުމުގައި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުން، ޚާއްޞަކޮށް ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީއާއި ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއިން ވަރަށް މުހިންމު ދައުރެއް އަދާކުރާކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ކޮންފަރެންސްގެ މައުޟޫޢު ކަމަށްވާ، "ބަންޑުންގ އުސޫލުތަކަށް 70 އަހަރު ފުރުން: ބަންޑުންގ އުސޫލުތައް ދެމެހެއްޓުމުގައި މަޖިލިސްތަކުގެ ދައުރު" މި މައުޟޫޢަށް ވާހަކަފުޅު ދައްކަވަމުން ޢަބްދުއްރަޙީމް ވަނީ، ބަންޑުންގ އުސޫލުތަށް ދެމެހެއްޓުމަށް ދިވެހިރާއްޖެއިން ކުރަމުންދާ އިޚްލާޞްތެރި މަސައްކަތް ފާހަގަކުރައްވައި، އަދި، މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލާއި، ބައިނަލްއަޤްވާމީ އެއްބާރުލުމުގެ އަގުތައް ދެމެހެއްޓުމަށް ޕާލިމެންޓަރީ ފިޔަވަޅުތަކެއް އަލުން އެޅުމަށް ގޮވާލައްވައިފައެވެ.
މީގެ އިތުރުން، މިއަދުގެ ދުނިޔޭގައި ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމުގައި، ނުފޫޒު ނުފޯރުވުމާއި، ސުލްހަވެރިކަމާއެކު މައްސަލަތައް ހައްލުކުރުމާއި، ވިޔަފާރިއާއި ސަގާފަތުގައި އެއްބާރުލުން ދިނުމުގެ ބޭނުން ހިފުމުގައި ބަންޑުންގ އުސޫލުތަކުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޢަބްދުއްރަޙީމްގެ ވާހަކަފުޅު ނިންމާލައްވަމުން ވަނީ "ނާމް" މެންބަރު ޤައުމުތަކުން އެއްބައިވެ، ސުލްޙައާއި، އިސްތިގުލާލާއި، އިންސާފު ދިފާޢުކުރުމަށް ގޮވާލައްވައިފައެވެ.
މި ލިޔުން ކިޔާލުމުން