އއ. އުކުޅަހު މަގުހެދުމުގެ މަޝްރޫއުގެ 40 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން މަޢުލޫމާތު ދެމުން ބުނީ، މި ވަގުތު މަޝްރޫއުގެ ދަށުން ކުރިއަށްދަނީ ހައި ވޯލްޓޭޖް ކޭބަލް ޖަންގްޝަންތައް އިންސްޓޯލް ކުރުމުގެ މަސައްކަތާއި ޕޭވިން ބްލޮކް ހަރުކުރުމުގެ މަސައްކަތް ކަމަށެވެ. މި މަޝްރޫއުގެ ދަށުން އުކުޅަހުގެ 10 މަގެއް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް އެމްޓީސީސީން ފާހަގަކޮށްފައިވެއެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހުއެވެ. އަދި މަސައްކަތް ފެށިފައިވަނީ 2023 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 7 ވަނަ ދުވަހުއެވެ.
އެމްޓީސީސީން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، މި މަޝްރޫއުގެ ދަށުން ޖުމްލަ 2678 މީޓަރުގެ 10 މަގު ތަރައްގީކުރެވޭނެއެވެ. މީގެ އިތުރުން، ފެން ހިންދާ ނިޒާމު ގާއިމުކުރުމާއި، ސެޓްލްމެންޓް ޓޭންކް ހަރުކުރުމާއި، ކޭބަލް ޖަންކްޝަން ފޮށި ވަޅުލުމާއި، 4193 އަކަމީޓަރުގެ ޕޭމަންޓް ހެދުން ހިމެނެއެވެ.
މީގެ އިތުރުން، 14,452 އަކަމީޓަރުގެ ދުއްވާ ސަރަޙައްދެއް ގާއިމުކުރުމާއި، މަގުބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި، ކަފިހި ހުރަސް ގާއިމުކުރުމާއި، ސްޕީޑް ބްރޭކަރު ހަރުކުރުމާއި، މަގުމަތީގެ ރައްކާތެރިކަމަށް ސައިން ބޯޑު ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ދަށުން ކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
މި މަޝްރޫއަށް ޖުމްލަ 56.11 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް އެމްޓީސީސީން ލަފާކުރާ ކަމަށްވެސް ބުނެފައިވެއެވެ.
މި ލިޔުން ކިޔާލުމުން