Monday, November 2
ރާއްޖޭގެ ލޮނު އުފައްދާ ފުރަތަމަ ފެކްޓްރީ ހުޅުވައިފި

ހއ. ދިއްދޫގައި ޤާއިމްކުރެވުނު ރާއްޖޭގެ ފުރަތަމަ ލޮނު އުފައްދާ ފެކްޓްރީގެ މަސައްކަތް ނިންމާ ރަސްމީކޮށް ހުޅުވައިފިއެވެ.

ޖަޕާނުގެ ކުންފުންޏަކާއި ދިވެހި އަމިއްލަ ކުންފުންޏެއް ކަމަށްވާ އެމް.ޑީޕް އިންވެސްޓްމަންޓް ގުޅިގެން ތަރައްޤީކޮށްފައިވާ ފެކްޓަރީ ތަރައްޤީކުރުމަށް ދިއްދޫ ކައުންސިލުން ވަނީ 15،000 އަކަފޫޓުގެ ބިމެއް 15 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދީފައެވެ. ފެކްޓްރީގެ ޢަމަލީ މަސައްކަތް ފެށުނީ މިދިޔަ އަހަރުތެރޭގައެވެ. މަސައްކަތް ފެށުމުގެ ކުރިން ރާއްޖޭގެ ކަނޑުގެ ލޮނުގެ ކޮލިޓީ ޖަޕާނުގައި ޓެސްޓުކޮށްފައިވާއިރު މި ޓެސްޓުތަކުން ދައްކާގޮތުގައި ރާއްޖޭގެ ކަނޑުގެ ލޮނަކީ އެހެން ޤައުމުތަކުގެ ކަނޑުގެ ލޮނާ އަޅާބަލާއިރު ކޮލިޓީ ރަނގަޅު އަދި ސިއްޙަތަށް ފައިދާހުރި މާއްދާތަކުގެ މިންވަރު މަތި ލޮނެކެވެ.

ފެކްޓްރީގައި ލޮނު އުފައްދަނީ އިރުގެ އަލިކަމާއި ހޫނު ބޭނުންކޮށްގެން ލޮނުފެން ގުދުރަތީގޮތުން ހިއްކައިގެންނެވެ. މި ފެކްޓްރީގައި ތިން ބާވަތެއްގެ ލޮނު އުފައްދާނެއެވެ. އެއީ އާންމުކޮށް ކެއިންބުއިމަށް ބޭނުންކުރާ ލޮނާއި، ބައެއް ޚާއްސަ ބާވަތްތަކާއި، ލޮނުމަސް ތައްޔާރުކުރުމަށް ޚާއްޞަ ލޮނެވެ. މި އުފެއްދުންތައް ރާއްޖޭގެ ރިސޯޓުތަކަށާއި މީހުން ދިރިއުޅޭ ރަށްތަކަށް މާކެޓްކުރުމަށް ވަނީ ރޭވިފައެވެ.

ލޮނު އުފެއްދުމުގެ މަރުޙަލާގައި، އެއް ބެޗެއް ތައްޔާރުކުރުމަށް ގާތްގަނޑަކަށް ހަފްތާއެއްހާ ދުވަސް ނަގާނެއެވެ. ހިކި ލޮނު ތައްޔާރުކުރަނީ މޫދުން ނަގާ ލޮނުފެން ފިލްޓަރކޮށް ސާފުކުރުމަށްފަހުގައެވެ. ކޮންމެ މަހަކު އުފައްދާ ލޮނުގެ ބެޗުތައް ރާއްޖެއާއި ޖަޕާނުގައި ޓެސްޓުކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެމް.ޑީޕް އިންވެސްޓްމަންޓުން މަޢުލޫމާތު ދެއްވާގޮތުގައި، މި ފެކްޓްރީ ކާމިޔާބުވެއްޖެނަމަ، ރާއްޖޭގެ އެހެން ސަރަޙައްދުތަކުގައި އިތުރު 4 ފެކްޓްރީ ޤާއިމްކުރުމަކީ އެ ކުންފުނީގެ އަމާޒެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު