މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އިންކަމް ޓެކްސް ހުށަހެޅުމަށް އެހީތެރިވުމުގެ ޕުރޮގުރާމެއް ހިންގަން ނިންމައިފިއެވެ.
މީރާއިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ 2024 ވަނަ އަހަރަށް އިންކަމް ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ފަރާތްތަކުގެ ތެރެއިން 10 މިލިއަން ރުފިޔާ ނުވަތަ އެއަށްވުރެ މަދުން އާމްދަނީ ލިބިފައިވާ ފަރާތްތަކަށް އެހީތެރިވެދިނުމަށް، މި އަހަރުގެ އެޕްރީލް މަހުގެ 6 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ޚާއްޞަ ޕުރޮގުރާމެއް ކުރިޔަށް ގެންދިއުމަށް ހަމަޖައްސާފައިވާ ކަމަށެވެ.
މި ޕުރޮގުރާމު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، ޓެލެފޯން، އީމެއިލް އަދި އެނޫންވެސް އޮންލައިން ވަސީލަތްތައް ބޭނުންކޮށްގެންނެވެ.
މީރާއިން ބުނީ އިންކަމް ޓެކްސް ޤާނޫނުގެ ދަށުން ޓެކްސް ދައްކަންޖެހޭ އާމްދަނީގެ ތެރޭގައި ވިޔަފާރި އާމްދަނީ، އުޖޫރަ އަދި އެ ޤާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެންމެހައި ބާވަތްތަކުގެ އާމްދަނީ ހިމެނޭ ކަމަށެވެ.
ވީމާ، 2024 ވަނަ އަހަރުގައި 10 މިލިއަން ރުފިޔާ ނުވަތަ އެއަށްވުރެ މަދުން އާމްދަނީ ލިބިފައިވާ ފަރާތްތަކުގެ ތެރެއިން "ކޭޝް ބޭސިސް" އަށް ހިސާބުތައް ތައްޔާރުކުރުމަށް އިޚްތިޔާރުކޮށްފައިވާ ފަރާތްތަކުން، 2024 ވަނަ އަހަރަށް އެ ފަރާތުން ހުށަހަޅާ އިންކަމް ޓެކްސް ބަޔާނާއި މާލީ ހިސާބުތައް ތައްޔާރުކުރުމުގައި އެހީތެރިކަން ބޭނުންފުޅުވާނަމަ، މީރާގެ 9821415 ނަންބަރަށް ވައިބަރ މެދުވެރިކޮށް މެސެޖުކުރައްވައިގެން ނުވަތަ އީމެއިލްކުރައްވައިގެން ނުވަތަ މީރާގެ ހޮޓްލައިން 1415 އަށް ގުޅުއްވައިގެން ނުވަތަ މީރާ ވެބްސައިޓުގެ ލައިވް ޗެޓް ފަންކްޝަން މެދުވެރިކޮށް ނަން ނޯޓުކުރުމުގެ ފުރުސަތު މިހާރު ހުޅުވައިލައިފައިވާ ކަމަށް މީރާއިން ބުންޏެވެ.
އަދި 2024 ވަނަ އަހަރުގެ އިންކަމް ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ފަރާތެއްތޯ ބެއްލެވުމަށް މި ލިންކު މެދުވެރިކޮށް ބެލޭނެ ކަމަށާއި، 2024 ވަނަ އަހަރުގެ އިންކަމް ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ސުންގަޑިއަކީ 30 ޖޫން 2025 ކަމުގައިވެސް މީރާއިން ބުންޏެވެ.
މި ލިޔުން ކިޔާލުމުން