ރާއްޖޭގެ ކުޅިވަރުގެ ކުރިމަގު ބަދަލުކޮށްލާފަދަ މަޝްރޫޢުތަކެއް މިހާރު ތަންފީޒުކުރައްވަމުން ގެންދަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ތަރައްޤީ އާއި ސުލްޙަ ޤާއިމުކުރުމުގައި ކުޅިވަރު އަދާކުރާ ދައުރާ ގުޅޭ ދުވަހާ ގުޅިގެން ފޮނުއްވި ޚާއްޞަ މެސެޖެއްގައެވެ.
On International Day of Sport for Development and Peace, we reaffirm our commitment to leveraging the transformative power of sport to promote empowerment and equal opportunities. We are developing a 20-year National Sports Development Plan to foster long-term growth in sports,… pic.twitter.com/Ux1dAa1mQn
— Dr Mohamed Muizzu (@MMuizzu) April 6, 2025
އެމަނިކުފާނުގެ ރަސްމީ "އެކްސް" އެކައުންޓުންވެސް ހިއްސާކުރައްވާފައިވާ މި މެސެޖުގައި، އެއްބައިވަންތަކަމާއި ބާރުވެރިކުރުމާއި، ހަމަހަމަ ފުރުޞަތުތައް ހޯދައިދިނުމަށް ކުޅިވަރަށް ލިބިފައިވާ ބާރުގެ ފުރިހަމަ ބޭނުން ހިއްޕަވަން ގަސްދުކުރައްވާކަން ހާމަކުރައްވާފައިވެއެވެ. މިއަހަރުގެ ޝިޢާރުގެ ގޮތުގައި ކަނޑައަޅާފައިވާ "ލެވެލިންގ ދަ ޕްލެއިންގ ފީލްޑް: ސްޕޯޓް ފޯ ސޯޝަލް އިންކްލޫޝަން" ގައި އިޝާރާތްކުރާ އިޖުތިމާޢީ ބައިވެރިވުމަކީ، ކުޅިވަރުކުޅުމުގެ ފުރުޞަތުތައް ލިބުމުގައި، މީހާގެ ޢުމުރަކަށް، ނަޞްލަކަށް، މިންތިއަކަށް ބެލުމެއް ނެތި، ދުޅަހެޔޮ، ހަރަކާތްތެރި ދިރިއުޅުމަކަށް ހަމަހަމަ ފުރުޞަތު ކަށަވަރުކޮށްދިނުމުގައި ސަރުކާރުން ދެކޭ ތަޞައްވުރާ އެއްއުއި ޝިޢާރެއްކަން އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ޤާއިމުކުރެއްވުމަށް ކުރިއަށް ގެންދަވާ މަސައްކަތުގެ ދަށުން، ޖޯގްރަފީގެ ގޮތުން ފެތުރިފައިވާ ރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅޭ ރައްޔިތަކަށްވެސް ކަސްރަތުކުރުމަށް ބޭނުންވާ ވަޞީލަތްތައް ފަހިވެގެންދާނޭ ކަމަށެވެ. އަދި ނަތީޖާއެއްގެ ގޮތުން، ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ދުޅަހެޔޮ ދިރިއުޅުމެއް ޚިޔާރުކުރަން ބާރު ލިބި، އިޖުތިމާޢީ ގުޅުންތައްވެސް ހަރުދަނާވުމަށް، މިކަމުން މަގުފަހިވެގެންދާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނުގެ މެސެޖުގައިވަނީ، ކުޅިވަރު ތަރައްޤީކުރެއްވުމަށް ކުރައްވަމުން ގެންދަވާ ދުރު ރާސްތާ މަސައްކަތްތަކަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، 20 އަހަރުގެ ނޭޝަނަލް ސްޕޯޓްސް ޑިވެލޮޕްމަންޓް ޕްލޭންގެ ދަށުން ކުޅިވަރު ލާމަރުކަޒުކޮށް، ހުނަރު ކުރިއަރުވައި، ތަމްރީނުގެ ފުރުޞަތުތަކާއި މުބާރާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދެވޭނެއެވެ. އަދި އެތުލީޓުންނާއި ކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް، ރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅުނު ކަމުގައިވިޔަސް، އެ ދާއިރާއިން ކުރިއަށްދިއުމުގެ މަގުފަހިވެގެންދާނެއެވެ.
ކުޅިވަރުގެ ސިންދަފާތު އިތުރުކޮށް، ކުޅިވަރުކުޅުމަށް ހަމަހަމަ ކަމާއެކު ފުރުޞަތު ފަހިކޮށްދީގެން، އިޖުތިމާޢީ ފޭރާންވެސް ރަނގަޅުކުރެވޭނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައްޔިތުން އެއްބައިވަންތަކޮށް، އިޖުތިމާޢީ ތަފާތުތައް ނައްތާލައި، ބައިވެރިވުން އިތުރުކުރުމުގެ ލާސާނީ ޤާބިލުކަމެއް ކުޅިވަރަށް ލިބިފައިވާކަން ފާހަގަކުރައްވައި އެމަނިކުފާނުގެ މެސެޖުގައިވަނީ، ކުޅިވަރު މެދުވެރިކޮށް ޤައުމީ ތަރައްޤީއަށް ކުރާ މަސައްކަތުގައި ބައިވެރިވުމަށް، ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިލްތިމާސްކުރައްވާފައެވެ.
މި ލިޔުން ކިޔާލުމުން