Monday, November 2
ޢުމްރާއަށްފަހު ރޯގާޖެހި ހާލުދެރަވާނަމަ ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭ އިން އިލްތިމާސްކޮށްފި

ޢުމްރާގެ އަޅުކަމަށްފަހު އަންނަ ފަރާތްތަކުން ރޯގާޖެހި ބޮޑުވަރުވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

މި ރަމަޟާން މަހުގެ ފަހު ދިހައެއްގައި ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި 577 މީހުން ޢުމްރާގެ އަޅުކަން އަދާކުރުމަށް ގޮސްފައިވާއިރު، އަމިއްލަ ކުންފުނިތަކުގެ ހަވާލުގައިވެސް ގިނަ ބަޔަކު ޢުމްރާގެ އަޅުކަމަށް ގޮސްފައިވެއެވެ. މި ފަރާތްތައް މިހާރުވަނީ ރާއްޖެ އަންނަން ފަށާފައެވެ.

އެޗްޕީއޭއިން ދެއްވި މަޢުލޫމާތުގައި، ޢުމްރާއިން އެނބުރި އަންނަތާ 14 ދުވަހުގެ ތެރޭގައި ހުން އައިސް، ކެއްސައި، ނޭވާލާން އުނދަގޫވެ، މޭގައި ރިއްސުންފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އަންގަވާފައިވެއެވެ. އަދި ރޯގާ ނޫން އެހެން ބައްޔެއްގެ އަލާމާތެއް ފެންނަނަމަވެސް ޑޮކްޓަރަށް ދެއްކުމަށް އިލްތިމާސްކުރައްވާފައިވެއެވެ.

އަރިދަފުސް ރޯގާޖެހި ކެއްސާ، ކިނބިހި އަޅާއިރު އަނގައާއި ނޭފަތް ނިވާކުރުމަށާއި، ޓިޝޫފަދަ ތަކެތި ބޭނުންކުރުމަށްފަހު ރައްކާތެރި ގޮތުގައި އެތަކެތި ނައްތާލުމަށާއި، ސައިބޯނި ލައިގެން ގިނައިން އަތް ދޮވުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

ހުމާއި އަރިދަފުސް ރޯގާ ޖެހިއްޖެނަމަ ގޭގައި ދެވިދާނެ ފަރުވާގެ ގޮތުގައި ގިނަގިނައިން ދިޔާތަކެތި ބޭނުންކުރުމާއި، އަރާމުކުރުމާއި، ހުން ގަދަނަމަ ގައިގައި ފެން އުނގުޅުން ހިމެނެއެވެ. އަދި ޕެރެސެޓަމޯލް ފިޔަވައި އެހެން އެއްވެސް ބޭހެއް ޑޮކްޓަރެއްގެ މަޝްވަރާއާ ނުލައި ބޭނުން ނުކުރުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދެއްވާފައެވެ.

ޢުމްރާގެ އަޅުކަމަށްފަހު އުމްރާވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 4، 5 އަދި 7 ވަނަ ދުވަހުއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު