Monday, November 2
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު މަރުވާން އުޅުނު މައްސަލަ އެންއައިސީން ބަލަން ފަށައިފި

ކުޅުދުއްފުށި ސިޓީގެ ޕޮލިސް ސްޓޭޝަންގައި ހުރި މީހަކު އަމިއްލައަށް މަރުވާން އުޅުނު މައްސަލައިގައި ކަން ހިނގައި ދިޔަ ގޮތް ބަލަމުން އަންނަ ކަމަށް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ހާމަކޮށްފިއެވެ.

އެންއައިސީން މައުލޫމާތު ދީފައިވާ ގޮތުގައި، ރޭ 21:12 ހާއިރު ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު އަމިއްލައަށް މަރުވާން މަސައްކަތް ކުރިކަމުގެ މައުލޫމާތު އެ ކޮމިޝަނަށް ލިބުމާ ގުޅިގެން، އެކަން ހިނގައި ދިޔަ ގޮތް ދެނެގަތުމަށް އެ ކޮމިޝަންގެ ކުއްލި ހާލަތްތަކުގައި އިޖާބަދޭ ޓީމުން ވަނީ ހަރަކާތްތެރިވަން ފަށާފައެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި، މި މައްސަލައިގައި ހައްޔަރުކުރެވުނު 34 އަހަރުގެ ދިވެހި ފިރިހެން މީހާއަކީ މަސްތުގެ ހާލަތުގައި ހުރެ ގޭގެ މުދަލަށް ގެއްލުންދީ ހަމަނުޖެހުން ހިންގި މައްސަލައަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު މީހެކެވެ. މިވަގުތު އޭނާއަށް ފަރުވާ ދެމުން އަންނަނީ ކުޅުދުއްފުށި ހޮސްޕިޓަލުގައެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުންގެ މޭޖާ ކްރައިމްސް ޑިޕާޓްމަންޓުގެ ފުލުހުންގެ ޓީމެއް ކުޅުދުއްފުށްޓަށް ފޮނުވަން ނިންމާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މި ހާދިސާ ހިނގާފައިވާ ގޮތުގެ އެތެރޭގެ ތަހުގީގެއް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުގެ ޓީމުން ވަރަށް ހާއްސަ އިސްކަމެއް ދީގެން ކުރިއަށް ގެންދާ ކަމަށްވެސް ފުލުހުން ވަނީހާމަކޮށްފަައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު