Saturday, October 31
ޣައްޒާގެ ސްކޫލަކާއި މެޑިކަލް ގުދަނެއް ހަލާކުކުރުން ރާއްޖެއިން ކުށްވެރިކޮށްފި
ޣައްޒާގެ ސްކޫލްތަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާތަކާއި ސައުދީ ސެންޓަރ ފޯ ކަލްޗަރ އެންޑް ހެރިޓޭޖް އަށް ނިސްބަތްވާ މެޑިކަލް ގުދަނެއް ހަލާކުކުރުން ރާއޖެއިން އެކަން ކުށްވެރިކޮށްފިއެވެ. ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ގެދޮރު ގެއްލިފައިވާ މީހުންނަށް ހިޔާވަހިކަން ދެމުން ދިޔަ ޣައްޒާގެ ދާރު އަލް އަރްޤާމް ސްކޫލަށް އިސްރާއީލު ސިފައިން ބޮން އަޅައި ގޮއްވާލުމުގެ ސަބަބުން، އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް އާންމުންގެ އެތައް ބަޔަކު މަރުވެ، އެތައް ބަޔަކު ޒަޚަމްވި މައްސަލަ ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ. މީގެ އިތުރުން ރަފާގެ މޮރާގް ސަރަހައްދުގައި ހުންނަ ސައުދީ ސެންޓަރ ފޯ ކަލްޗަރ އެންޑް ހެރިޓޭޖުން ހިންގާ މެޑިކަލް ގުދަނަކަށް އަމާޒުކޮށް، ޣައްޒާގައި އަނިޔާވި މީހުންނަށް އެހީތެރިވުމަށް ބޭނުންކުރާ މުހިއްމު މެޑިކަލް ސާމާނު ނައްތާލައި، ބައިނަލްއަގްވާމީ ގާނޫނާއި ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާއި ބެހޭ ގާނޫނާ ފާޅުކަން ބޮޑު ގޮތެއްގައި ހިލާފުވެގެން އިސްރާއީލުން ދިން ވައިގެ ހަމަލާ ވެސް ރާއްޖެއިން ވަނީ ކުށްވެރިކޮށްފައެވެ. ރާއްޖެއިން ވަނީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ކުރަމުންދާ އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށާއި، ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުން އަވަސްކޮށް ފިޔަވަޅު އެޅުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށްގޮވާލާފައެވެ.  

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު