Monday, November 16
ގުޅީ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށައިފި

ކ. ގުޅީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ތެރެއިން ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

މިކަމަށްޓަކައި ރޭ ގުޅީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ގުޅީ ބިން ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް ޢަމަލީ ގޮތުން ފައްޓަވައި ދެއްވީ އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ، ޑީސީޕީ (ރިޓަޔަރޑް) އަޙްމަދު ސަޢުދީއެވެ. މި ރަސްމިއްޔާތުގައި ގުޅީ ކައުންސިލްގެ ރައީސް މޫސާ ސަފީލްގެ އިތުރުން އެމްޓީސީސީ އާއި ގުޅީ ކައުންސިލްގެ އިސްވެރިންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި މި މަޝްރޫޢުގެ ދަށުން ބިން ހިއްކުމަށްފަހު 10.15 ހެކްޓަރުގެ ބިމެއް މި ރަށަށް އިތުރުވެގެންދާނެއެވެ. އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ދަށުން 10،962 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓަކާއި، 362 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓަކާއި، 88 މީޓަރުގެ ގްރޮއިންސް ޖެހުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢަކީ 89.63 މިލިއަން ރުފިޔާއަށް އެމްޓީސީސީ އާ ހަވާލުކޮށްފައިވާ މަސައްކަތެކެވެ.

814 މީހުންގެ އާބާދީއެއް އޮންނަ ގުޅިއަކީ ބިމުގެ ޖާގައިގެ ގޮތުން ކުޑަ ނަމަވެސް ވަރަށް ރީތި، ހިތްގައިމު ރަށެކެވެ. މާލެއަތޮޅު ގިނަ ރަށްތައް ފަދައިން ގުޅިއަކީވެސް ފަތުރުވެރިކަން ކުރިއަރަމުން އަންނަ ރަށެކެވެ. އެގޮތުން މިހާރުވެސް އެ ރަށުގައި 15 ވަރަކަށް ގެސްޓްހައުސް ހިންގަމުންދާއިރު، ރަށުގެ ގިނަ ރައްޔިތުންނަށް އޮތް އެންމެ ބޮޑު ދައްޗަކީ ރަށުގެ ބިންކޮޅު ކުޑަވުމުން ރަށުގައި ދިރިއުޅުމަށާއި ވިޔަފާރި ކުރުމަށް އިތުރު ޖާގަ ނެތުމުގެ މައްސަލައެވެ.

އެހެންކަމުން މި މަޝްރޫޢުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް ފެށުމާއެކު، ރައްޔިތުންގެ ހުވަފެންތަކުގައި ކުލަޖެހިގެންދާތަން މުސްތަޤުބަލުގައި ފެނިގެންދާނެ ކަމަށާއި، މުޅި މަޝްރޫޢު ނިމުމާއެކު ރަށުގެ ރައްޔިތުންގެ އޮތް ބޯހިޔާވަހިކަމާއި އިޤުތިޞާދު ފުޅާކުރުމަށް އޮތް ދަތިކަމަށް ބޮޑު ތަނުން ހައްލު ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު