Monday, November 16
އަންހެނުންގެ ކޮމިޝަނަށް ހޮވުމަކީ ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއަށް ލިބުނު ބޮޑު ކާމިޔާބީއެއް: ޚާރިޖީ ވަޒީރު
އ.ދ. ގެ އަންހެނުންގެ ކޮމިޝަނަށް ހޮވުމަކީ ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމުގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ. ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ޑރ. ޚަލީލް ވިދާޅުވީ ރާއްޖެ ވެގެން މިދިޔައީ ކުދި ގައުމުތަކުގެ ތެރެއިން އޭޝިޔާ ޕެސިފިކް ގުރޫޕުން ޔޫއެންގެ އަންހެނުންގެ ކޮމިޝަންއަށް ހޮވުނު ފުރަތަމަ ޤައުމަށް ކަމަށާއި، މިއީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއަށް ލިބިގެންދިޔަ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. މީގެ އިތުރުން ވަޒީރު ވިދާޅުވީ މިކަމުން ދައްކުވައި ދެނީ ރާއްޖޭގައި އަންހެނުން ބާރުވެރިކޮށް ކުރިއެރުވުމަށް އަދުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުތައް ބައިނަލްއަގުވާމީ މައިދާނުން ބަލައިގެންފައިވާ މިންވަރު ކަމަށެވެ. "އެ ސިޔާސަތުތަކުގެ ހަރުދަނާ ކަމާއި ތަންފީޒު ކުރުމަށް ކުރެވޭ މަސައްކަތުގެ ފުރިހަމަ ކަން. މަރުޙަބާ ރައީސް ޑރ. މުޢިއްޒު"، ވަޒީރުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ. އ.ދ. ގެ އަންހެނުންގެ ކޮމިޝަންގެ އިންތިޚާބަކީ މިންތީގެ ހަމަހަމަކަން ކުރިއެރުވުމުގައި ރާއްޖެއިން ހޯދާފައިވާ ކުރިއެރުންތަކުގެ ހެއްކެއް ކަމުގައިވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖެއިން ވަނީ އަންހެނުން ބާރުވެރިކުރުވުމަށް މެދުނުކެނޑި ވަކާލާތުކޮށް، ސިޔާސަތުތައް ޤާއިމްކޮށް، ޤާނޫނީ އިޞްލާޙުތައް ގެނެސް، އެކި ދާއިރާތަކުގެ ލީޑަރޝިޕްގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައި ކަމަށްވެސް ޑރ. ޚަލީލް ވިދާޅުވެފައިވެއެވެ. މީގެ އިތުރުން ވަޒީރު ވަނީ، ރާއްޖޭގައާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންހެނުންގެ ޙައްޤުތައް ކުރިއެރުވުމަށްޓަކައި ރަނގަޅު ހައްލުތަކެއް ހޯދައިދިނުމަށް، އ.ދ. ގެ އަންހެނުންގެ ކޮމިޝަންގައި ތިއްބެވި ބައިވެރިންނާއެކު މަސައްކަތްކުރައްވަން ތައްޔާރަށް ތިއްބެވި ކަމުގައި ވިދާޅުވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު