Monday, November 16
ރައީސް، ލީޑްސްގެ ލޯޑް މޭޔަރ އަދި ވެސްޓް ޔޯކްޝަޔަރގެ މޭޔަރާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ލީޑްސްގެ ލޯޑް މޭޔަރ، ކައުންސިލަރ އެބިގެއިލް މާޝަލް ކަޓަންގް އާއި ވެސްޓް ޔޯކްޝަޔަރގެ މޭޔަރ، ޓްރޭސީ ބްރެބިން އާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްގެންދިޔައީ ރައީސް އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

މި ބައްދަލުވުމުގައި ރައީސް ވަނީ ސަރުކާރުން އެންމެ އިސްކަންދޭ ކަންކަމާއި، ތަރައްޤީގެ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު އެ ދެ ބޭފުޅުންނަށް ދެއްވައި، ރާއްޖެއަށް މިހާރު ހުރި ތަރައްޤީގެ ގޮންޖެހުންތަކުން އަރައިގަތުމަށް ލީޑްސް ސިޓީއާ ގުޅިގެން މަސައްކަތް ކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރައްވައިފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ސަރުކާރުން ދައުލަތުގެ އާންމު ޚިދުމަތްތައް މުޅިން ޑިޖިޓަލައިޒްކުރުމަށް ދެއްވާ އިސްކަމުގެ މައްޗަށް އަލިއަޅުއްވާލައްވައިފައެވެ. އަދި، މަގުތައް އަލުން ހެދުމުގެ މަސައްކަތް ހިމެނޭ ގޮތަށް ދަތުރުފަތުރުގެ ކަންކަން ރަނގަޅު ކުރުމަށް ރާވާފައިވާ ކަންކަމަށްވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން ދިނުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ވަނީ އެމަނިކުފާނުގެ ދަތުރުފުޅަކީ ލިވަޕޫލް ފުޓުބޯޅަ ކުލަބާއެކު ވެފައިވާ އިސްތިރާޖީ އެއްބަސްވުމާ ގުޅިގެން ކުރައްވާ ދަތުރުފުޅެއްކަން ފާހަގަކުރައްވައި، މިކަމުގެ ސަބަބުން ޤައުމުގެ ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ކުރިއަރައިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުވުމުގައި ލީޑްސްގެ ލޯޑް މޭޔަރާއި ބައްދަލުވުމުގެ ބައިވެރިން ވަނީ އެ ސިޓީން އިސްނަގައިގެން ކުރިއަށްގެންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، އާންމު ދަތުރުފަތުރާއި ކުޅިވަރާއި ސަގާފީ ގޮތުން އެއްބާރުލުމުގެ އިތުރުން މޫސުމީ ފައިނޭންސިންގ ފަދަ ތަރައްޤީގެ އެކި ދާއިރާތަކުގައި ކުރެވެމުންދާ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރައްވައިފައެވެ. އަދި އެ ބޭފުޅުން ވަނީ ރާއްޖޭގެ ތަރައްޤީއަށް އެއްބާރުލުންދީ އެހީވުމަށް ޝައުޤުވެރިކަން ފާޅުކުރައްވައި، މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވައިފައެވެ.

މި ބައްދަލުވުން ނިންމަވާލެއްވީ ދެ ފަރާތުންވެސް ދެ ފަރާތުގެ ކުރިއެރުމާއި ތަނަވަސްކަމަށް މަސައްކަތް ކުރެއްވުމަށް ބޭނުންވާކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު