ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިނގިރޭސިވިލާތުގެ ބްރެޑްފޯޑްގެ ސެންޓެނަރީ ސްކޮއަރގައި ޤާއިމްކޮށްފައިވާ 2025 ވަނަ އަހަރުގެ ރަމަޟާން ޕެވިލިއަން، "އިންފިނިޓް ލައިޓް" އަށް ޒިޔާރަތްކުރައްވައިފިއެވެ.
'ޔޫކޭ ސިޓީ އޮފް ކަލްޗަރ 2025' އަށް ތައްޔާރުކޮށްފައިވާ މި އައު ޕެވެިލިއަން އުފެއްދީ ބްރެޑްފޯޑްގެ 2025 ވަނަ އަހަރުގެ ރަމަޟާން ފެސްޓިވަލުގެ ތެރެއިންނެވެ.
މި އަހަރުގެ ޝިޢާރު "ކަނެކްޝަން" ނުވަތަ ގުޅުން ދައްކުވައިދޭ ގޮތަށް ފަރުމާކޮށްފައިވާ މި ޕެވިލިއަނަކީ ބްރެޑްފޯޑް ސިޓީ ހޯލް ކުރިމަތީގައި ހަދާފައިވާ ޕެވިލިއަނެކެވެ. އެކިއެކި އާކިޓެކްޗަރަލް ސްޓައިލްތައް އެއްކޮށްލައިގެން ތައްޔާރުކޮށްފައިވާ މި ޕެވިލިއަނުން ރަމްޒުކޮށްދެނީ މީހުންގެ މެދުގައި އެއްބައިވަންތަކަމާއި، ހަމަޖެހުމާއި އެކަކު އަނެކަކާމެދު ވިސްނުމުގެ މުހިންމު ކަމެވެ.
ރައީސުލްޖުމްހޫރިއްޔާ އިނގިރޭސިވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ، އެޤައުމުގެ ލިވަޕޫލް ފުޓްބޯލް ކްލަބް (އެލް.އެފް.ސީ) އާއި މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ) / ވިޒިޓް މޯލްޑިވްސްއާ ގުޅިގެން، ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް ކުރިއަށްގެންދާ ކޯ-ބްރޭންޑިންގ ކެމްޕޭން ފެށުމުގެ ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގެ ތެރެއިން އެ މަނިކުފާނު ވަނީ ލިވަޕޫލްގެ އަކްސާ ޓްރެއިނިންގ ސެންޓަރަށް ޒިޔާރަތް ކުރައްވައި، ލިވަރޕޫލްގައި ކިޔަވާ ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވައިފައެވެ.
މީގެ އިތުރުން ރައީސް ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ކެމްޕެއިން ފަށާ ފުޓުބޯޅަ މެޗު ބައްލަވާލައްވައިފިއެވެ. އިނގިރޭސި ޕްރިމިއަރ ލީގުގައި އެވަރޓަން އާއި ލިވަރޕޫލް ފުޓްބޯލް ކްލަބް (އެލް.އެފް.ސީ) ބައްދަލުކުރި މި މެޗުގައި ވަނީ، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ) / ވިޒިޓް މޯލްޑިވްސް އާއި އެލް.އެފް.ސީ ގުޅިގެން، ކޯ ބްރޭންޑަޑް އިނީޝިއަޓިވެއްގެ ގޮތުގައި ކުރިއަށްގެންދާ ރާއްޖޭގެ ފަތުރުވެރިކަމުގެ ކެމްޕެއިން، ރަސްމީކޮށް ފަށާފައެވެ.
މި ލިޔުން ކިޔާލުމުން