ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ފުޓްބޯލް ފޮރ ޕީސް އަށް ޒިޔާރަތްކުރައްވައި، އެ ޖަމުއިއްޔާގެ މަސައްކަތްތައް ބައްލަވާލައްވައިފިއެވެ.
މިގޮތުން ރައީސް ޑރ. މުޢިއްޒު މިހާރު އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ފުޓްބޯލް ފޮރ ޕީސް އަށް ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނަށް މަރުޙަބާ ދެންނެވީ އެ ޖަމުޢިއްޔާގެ ކޯ-ފައުންޑަރ އަދި ކުރީގެ ފުޓުބޯޅަ ކުޅުންތެރިޔާ، ކާޝިފް ސިއްދިޤީ އާއި ބްރެޑްފޯޑް ސިޓީ އޮފް ކަލްޗަރ 2025 ގެ ސީއީއޯ، ޝެހެނާޒް ގުލްޒަރް އެވެ.
މި ޒިޔާރަތުގައި ފުޓްބޯލް ފޮރ ޕީސްގެ ހަރަކާތްތަކާ ބެހޭ މަޢުލޫމާތު އެމަނިކުފާނަށް ވަނީ އަރުވައިފައެވެ. މީގެ އިތުރުން ރައީސް ވަނީ ފުޓުބޯޅަ ދަނޑުތަކަށް ޒިޔާރަތްކުރައްވައި، އެ ވަގުތު ފަރިތަކުރަމުންދިޔަ ޒުވާނުންނާ ބައްދަލުކުރައްވައިފައެވެ.
2013 ވަނަ އަހަރު އުފެދުނު ފުޓްބޯލް ފޮރ ޕީސް އަކީ އ.ދ ގެ އޮފީސް ފޮރ ސްޕޯޓް ފޮރ ޑިވެލޮޕްމަންޓް އެންޑް ޕީސްގެ އެހީއާއެކު، ފުޓުބޯޅައިގެ ޒަރިއްޔާއިން އިޖުތިމާޢީ މައްސަލަތައް ހައްލުކުރުމުގައި ޒުވާނުން ބާރުވެރިކުރުވުމަށް މަސައްކަތް ކުރަމުންދާ ބައިނަލްއަޤްވާމީ ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމުޢިއްޔާއެކެވެ.
މީގެ އިތުރުން އެ ޖަމުޢިއްޔާއިން ދަނީ ސުލްހައާއި ހަމަޖެހުން ކުރިއަރުވައި، އިޖުތިމާޢީ ގޮތުން އެންމެން ހިމަނައިގެން ކުރިއަށްދިއުމަށް އެއްބާރުލުންދީ، ސްޕޯޓްސް ޑިޕްލޮމެސީ އާއި ލޯކަލް ޕުރޮގުރާމުތަކުގެ ތެރެއިން އެކި ފަންތީގެ މީހުން ގުޅިގެން މަސައްކަތް ކުރުމަށް އެއްބާރުލުންދީ އެހީތެރިވެދެމުންނެވެ. މި ޖަމުޢިއްޔާއިން ދަނީ އެކަހެރިވެފައިވާ މުޖުތަމަޢުތައް ބާރުވެރިކުރުވައި، ޒުވާނުންނަށް ޓީމް ވޯކާއި މައްސަލަތައް ހައްލުކުރާނެ ގޮތްތައް ދަސްކޮށްދިނުމުގެ މަސައްކަތްވެސް ކުރަމުންނެވެ.
މި ޖަމުޢިއްޔާއިން ކުރިއަށްގެންދާ ޗެރިޓީ މެޗުތަކާއި ތަމްރީން ޕުރޮގުރާމުތަކުގެ ސަބަބުން ކުޑަކުދިންނާއި، ކޯޗުން އަދި ޓީމް މެނޭޖަރުންނަށް ބޭނުންވާ ހުނަރުތައް ތަރައްޤީވެގެންދެއެވެ.
މި ލިޔުން ކިޔާލުމުން