ނަބީބޭކަލުން މީސްތަކުންނަށް ވާރުތަކުރެއްވީ ޢިލްމު ކަމަށާއި، ނަބީބޭކަލުންގެ ވާރިޘުންނަކީ ޢިލްމުވެރީން ކަމުގައި މިއަދުގެ ހުކުތު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
މިއަދުގެ ޚުޠުބާގެ މައުޟޫޢަކީ "ޢިލްމު އުނގެނުމުގެ މާތްކަން"، މިއެވެ.
މިއަދުގެ ޚުޠުބާގައި ވިދާޅުވީ މާތްﷲ އަށް އެންމެ ބޮޑަށް ބިރުވެތިވެ، ތަޤުވާވެރިވާ މީހުންނަކީ ޢިލްމު އުނގެނި އެ ޢިލްމާ އެއްގޮތަށް ޢަމަލުކުރާ މީހުން ކަމަށާއި، އެ މީހުން މާތްﷲ އަށް ތަޤުވާވެރިވާ ކަމަށެވެ.
މީގެ އިތުރުން، ޢިލްމުގެ މަޤާމު މަތިވެރި ކަމަށާއި، ޢިލްމު އުނގެނުމަށް ކީރިތި ރަސޫލާ ވަރަށް ބޮޑަށް ބާރުއެޅުއްވެވި ކަމަށާއި، ބަދުރު ހަނގުރާމައިގެ އަސީރުން މިނިވަންވުމަށް ފިދުޔައިގެ ބަދަލުގައި މުސްލިމް 10 ކުއްޖަކަށް ލިޔަންކިޔަން ދަސްކޮށްދިނުން ޝަރުތު ކުރެއްވުމުން މިކަން ދޭހަވާ ކަމުގައި ޚުޠުބާގައި ވިދާޅުވިއެވެ. އަދި ހެޔޮ ކަމަށް އެދޭ މީހުން ޝަރުޢީ ޢިލްމު އުނގެނުމަށް ވަގުތުކޮޅެއް ހުސްކުރުން މުހިންމު ކަމަށާއި، އުމުރުން ކޮންމެ ދުވަހަކީވެސް ޢިލްމު އުނގެނުމަށް ވަގުތުކޮޅެއް ހޭދަކުރެވިދާނެ ދުވަހެއް ކަމަށާއި، އެއީ ޢިލްމު އުނގެނުމަކީ ތިމާއަށާއި އެހެން މީހުންނަށް ނުހަނު ފައިދާއާއި ލާބަ ހުރި ކަމަމަކަށްވާތީ ކަމަށާއި، ޢިލްމުވެރިޔާ މަރުވުމަށްފަހުގައިވެސް އޭނާ އުނގެނި، އެހެން މީހުންނަށް ފޯރުކޮށްދީފައިވާ ޢިލްމެއްގެ ފައިދާ ކުރާނެތީ ކަމަށް ޚުޠުބާގައި ވިދާޅުވެފައިވެއެވެ.
މިއަދުގެ ޚުޠުބާގައި އިތުރަށް ވިދާޅުވީ ނުދަނެ ހުރެ އަޅުކަން ކުރާ މީހަކަށް ބާޠިލު ގޮތުގައި އަޅުކަމެއް ކުރުމަށް ޝައިޠާނާ ވިސްނައިދީފާނެ ކަމަށާއި، އެކަމުގެ ސަބަބުން އޭނާ މަގުފުރެދި އެހެންމީހުންވެސް މަގުފުރައްދައިފާނެ ކަމަށާއި، އެހެނެއް ކަމަކު ޢިލްމުވެރިޔާ މަގުފުރައްދާކަށް ޝައިޠާނާއަކަށް ފަސޭހައެއް ނުވާނެ ކަމަށާއި، އޭގެ ބަދަލުގައި އޭނާ، އޭނާއަށް ލިބިފައިވާ ޢިލްމުގެ މަތީގައި ސާބިތުވެ ހުރެ، އަނެކުން ވެސް ހެޔޮ މަގަށް އަޅުވަން މަސައްކަތް ކުރާނެ ކަމަށެވެ.
ހަމަ އެހެންމެ، ދީނީ ޢިލްމު އުނގެނުން ކޮންމެ މުސްލިމަކަށް ވެސް ވާޖިބުވެގެންވާ ކަމަށާއި، ޢިލްމު އުނގެނުމަށް މާތްﷲ ގެ ރަސޫލާ އެހައި ބޮޑަށް ބާރުއަޅުއްވާފައިވަނީ އެހެންވެ ކަމަށާއި، އެ ކަމަށް އެދި ދުޢާ ކުރުމަށްވެސް ކީރިތި ޤުރުއާނުގައި އަންގަވާފައިވާ ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން