Thursday, November 19
މުޝްފިޤް ހޯދުމަށް 53 ނޯޓިކަލް މޭލަށްވުރެ ބޮޑު ސަރަޙައްދެއް ބަލައިފި

ތ. ހިރިލަންދޫއިން މާލެއަށް ދަތުރުކުރަމުންދިޔަ "ހޮޅުދޫ ބޯޓު" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއްގައި ރޭގެ ވަގުތެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ގެއްލިފައިވާ ފަރާތް ހޯދުމަށް މިހާތަނަށް 53 ނޯޓިކަލް މޭލަށްވުރެ ބޮޑު ސަރަޙައްދެއް ބަލާފައިވާކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.

އެމްއެންޑީއެފްއިން ބުނި ގޮތުގައި، މި ހާދިސާގައި ގެއްލިފައިވާ ލ. މާވަށަށް ނިސްބަތްވާ 25 އަހަރުގެ ޢަލީ މުޝްފިޤް ޝަރީފް ހޯދުމަށް ކޯސްޓްގާޑްގެ ތިން އުޅަނދެއްގެ އިތުރުން ޑައިވަރުންނާއި އެއަރ ކޯރގެ ޑްރޯން އަދި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިން ހުއްޓުމެއްނެތި މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެމްއެންޑީއެފްއިން އިތުރަށް ހާމަކުރި ގޮތުގައި، މިހާތަނަށް 53.04 އަކަ ކިލޯމީޓަރުގެ ސަރަޙައްދެއް ބަލާފައިވާއިރު، ކަނޑު އަޑީގެ 64,240 އަކަމީޓަރުގެ ސަރަޙައްދެއްވެސް ބަލާފައިވެއެވެ. މީގެ އިތުރުން، ވައިގެ މަގުން 4,000 އަކަ ކިލޯމީޓަރުގެ ސަރަޙައްދެއް ބަލާފައިވާކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

މި ހާދިސާ ހިނގި ބޯޓުގައި ކެޕްޓަނާއެކު ޖުމްލަ 18 މީހުން ދަތުރުކުރިކަމަށާއި، އޭގެ ތެރެއިން ޢަލީ މުޝްފިޤް ފިޔަވައި އެހެން އެންމެން ސަލާމަތްކުރެވިފައިވާކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން ބޯޓު އަޑިއަށް ގޮސް، އޭގެ ބައިތައް އޮޔާދާތީ އެ ސަރަޙައްދުން ދަތުރުކުރާ ފަރާތްތަކުން ޚާއްޞަ ސަމާލުކަމެއް ދިނުމަށްވެސް އެމްއެންޑީއެފްއިން އިލްތިމާސްކުރެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު