Monday, November 16
ހަފުތާ ބަންދުގައި ވީއައިއޭގެ ޓްރެފިކަށް ބާރުބޮޑުވާނެތީ ފުލުހުން ދޭ އިރުޝާދުތަކަށް ޢަމަލުކުރުމަށް އަންގައިފި
ކުރިއަށް އޮތް ހަފުތާ ބަންދުގައި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ޓްރެފިކް ފްލޯއަށް ބާރުބޮޑުވާނެ ކަމަށް ލަފާކުރެވޭތީ، ދިވެހި ފުލުހުންގެ ޚިދުމަތުން ދޭ އިރުޝާދުތަކަށް ޢަމަލުކުރުމަށް އެ ޚިދުމަތުން އަންގައިފިއެވެ. ފުލުހުން ބުނީ އޭޕްރީލް 4 އަދި 5 ވަނަ ދުވަހު ގިނަ އަދަދެއްގެ ޢުމްރާވެރިންނާއި، ފިޠުރު ޢީދުގެ ޗުއްޓީއާ ގުޅިގެން ވީއައިއޭ އަށް ޒިޔާރަތްކުރާ ފަރާތްތަކުގެ އަދަދު އިތުރުވުމުގެ ސަބަބުން، އެއާޕޯޓުގެ ޓްރެފިކް ފްލޯއަށް ބާރުބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެންކަމުން މި ދެ ދުވަހު ވީއައިއޭ އަށް ދަތުރުކުރާ އެއްގަމު އުޅަނދުފަހަރު ދުއްވާ ފަރާތްތަކުން، ފުލުހުން ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް ފުލުހުން ވަނީ އަންގައިފައެވެ. އަދި މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް، ފުލުހުން ވަނީ އެކަމަށްޓަކައި ޝުކުރު ދަންނަވައިފައެވެ. ފުލުހުން މިހެން އަންގާފައިވާއިރު، މާދަމާ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ފުރާ ދަތުރުވެރިން އަވަހަށް އެއާޕޯޓަށް ދިއުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވަނީ އެދިފައެވެ. އެމްއޭސީއެލް އިން މިއަދު ބުނީ، ޢުމްރާއަށް ދިޔަ ފަރާތްތަކުން އަނބުރާ އަންނާތީ، އެއާޕޯޓުގެ މަގުތަކާއި ގިމަތަ ސަރަހައްދުތަކުގައި މާދަމާ ޓްރެފިކް ބާރުބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެންކަމުން، މާދަމާ ދަތުރުކުރާ ހުރިހާ ފަރާތްތަކުން މަދުވެގެން ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމަށާއި، ޗެކް-އިން ކުރުމަށާއި ސެކިއުރިޓީ ޗެކަށް އިތުރު ވަގުތު ދިނުމަށް އެމްއޭސީއެލް އިން ވަނީ އެދިފައެވެ. އެމްއޭސީއެލް އިން ބުނީ ޢުމްރާވެރިންގެ ފުލައިޓުތައް ޖެއްސުމަށް ތާވަލުކުރެވިފައިވަނީ މާދަމާ 14:00 އާއި 16:00 އާ ދެމެދު ކަމަށެވެ. މީގެ އިތުރުން، އެއާޕޯޓުގެ ވަށައިގެން ޓްރެފިކް ފަސޭހަކަމާއެކު ދައުރުކުރުމަށްޓަކައި ޓެކްސީ ސެންޓަރުތަކުންނާއި ޑްރައިވަރުންވެސް އެއްބާރުލުން ދިނުމަށް އެ ކުންފުނިން ވަނީ އެދިފައެވެ. އަދި އެހީތެރިކަން ބޭނުންވެއްޖެ ހިނދެއްގައި އެހީތެރިވުމަށް އެމްއޭސީއެލްގެ މުވައްޒަފުން ގްރައުންޑުގައި ހަރަކާތްތެރިވަމުންދާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު