Friday, November 13
އެފްކޮންސް އިން ދުނިޔޭގެ އެންމެ އުސް ޕްރީކާސްޓް ނެވިގޭޝަން ސްޕޭން ސެގްމަންޓް ޤާއިމްކޮށްފި
ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖް މަޝްރޫޢުގެ ދަށުން، އެފްކޮންސް އިން ދުނިޔޭގެ އެންމެ އުސް ޕްރީކާސްޓް ނެވިގޭޝަން ސްޕޭން ސެގްމަންޓް ޤާއިމްކޮށްފިއެވެ. 23 މީޓަރުގެ އުސްމިނުގައި 25.37 މީޓަރުގެ ފުޅާމިނުގައި ހުރި މި ސެގްމަންޓްގެ ބަރުދަނަކީ 216.04 މެޓްރިކް ޓަނެވެ. އިންޑިއާ އެމްބަސީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި ސެގްމެންޓް ނިމުމަކީ އިންޖިނިއަރިން ދާއިރާގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ކަމަށެވެ. މިކަމާ ގުޅިގެން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބުދުﷲ މުއްތަލިބް ކުރި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މި ކާމިޔާބީއާއެކު ބްރިޖްގެ މަސައްކަތް އިތުރަށް އަވަސްވެ، ކަނޑައެޅިފައިވާ ތާރީޚަށް ނިމޭނެކަމަށް ސަރުކާރުން އުންމީދުކުރާ ކަމަށެވެ. އަދި އިންޑިއާ ސަފީރު ޖީ ބަލަސުބްރަމަނިއަމް މިކަމުގައި ދެއްވާ އެއްބާރުލުން ފާހަގަކޮށް އޭނާއަށް ވަނީ ޝުކުރު އަދާ ކުރައްވާފައެވެ. ރާއްޖޭގެ ތާރީޚުގައި ހިންގާ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖަކީ މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅުވާލާ ބްރިޖެކެވެ. މި މަޝްރޫޢުއަށް އިންޑިއާއިން 100 މިލައަން ޑޮލަރުގެ ހިލޭ އެހީ ދީފައިވެއެވެ. އަދި އިންޑިއާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނެއް ވެސް ދީފައިވެއެވެ. 6.7 ކިލޯމީޓަރުގެ މި ބްރިޖާ އެކު ފުން ހިސާބުތަކުގައި 1.41 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓާއި، ތިލަ ހިސާބުތަކުގައި 2.32 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް، އަދި 2.96 ކިލޯމީޓަރުގެ މަގުތައް ހެދުން ހިމެނެއެވެ. އެފްކޮންސްއަކީ އިންޑިއާގެ އެންމެ ބޮޑު އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކުންފުނި ކަމަށްވާ ޝަޕޫރްޖީ ޕަލޮންޖީ ގްރޫޕްގެ ސަބްސިޑަރީ ކުންފުންޏެކެވެ. މި ކުންފުނިން 22 އަށްވުރެ ގިނަ ޤައުމުގައި 350 އަށްވުރެ ގިނަ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢު ހިންގާފައިވެއެވެ. އެފްކޮންސްގެ ފާހަގަކޮށްލެވޭ މަޝްރޫއުތަކުގެ ތެރޭގައި އިންޑިއާގެ ފުރަތަމަ ކަނޑުއަޑީގެ މެޓްރޯޓަނަލް ހެދުމާއި ޖަވާހަރްލާލް ނެހްރޫ ބަނދަރުގައި އިންޑިއާގެ އެންމެ ދިގު ޖެޓީ އާއި އެންމެ ބޮޑު ކޮންޓެއިނާ ޓާމިނަލްގެ މަސައްކަތާއި އީސްޓް-ވެސްޓް މެޓްރޯ ޕްރޮޖެކްޓަށް އިންޑިއާގެ ފުރަތަމަ ކަނޑުއަޑީގެ މެޓްރޯ ޓަނަލް ހެދުން ހިމެނެއެވެ. މީގެ އިތުރުން އިންޑިއާގެ އެންމެ ދިގު ސްޓީލް ބްރިޖް މަހާތުމާ ގަންދީ ސެޓޫ އާއި އޭޝިއާގެ އެންމެ ބޮޑު އެއް އަންޑަގްރައުންޑް މެޓްރޯ ސްޓޭޝަން ޗެންނާއީ ސެންޓްރަލް މެޓްރޯ ސްޓޭޝަނަކީވެސް އެފްކޮންސްގެ މަސައްކަތެކެވެ. މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅުވާލާ ތިލަމާލެ ބުރިޖުގެ މަސައްކަތް އިންޑިއާގެ އެފްކޮންސްއިން ހަވާލުވީ 2021ވަނަ އަހަރު އޯގަސްޓު މަހުގެ ތެރޭގައެވެ. މާލެއާއި ގުޅީފަޅު ގުޅުވާލުން މާޗު 31، 2026އަށް ނިމޭނެ ކަމަށް ލަފާކޮށްފައިވާއިރު، ބްރިޖްގެ މުޅި މަޝްރޫއު ސެޕްޓެންބަރު 30، 2026އަށް ނިމޭނެ ކަމަށް އިންފްރާސްޓްރަކްޗަރ މިނިސްޓްރީން ވަނީ ލަފާކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު