Monday, November 16
މިލަންދޫ ކައުންސިލް ކަޕް 2025: ލިންކް ސްޕޯޓްސް، އީގަލްސް އަދި ވޮލްކޯ ކުރިއަށް ޖެހިލައިފި

ފިޠުރު ޢީދާ ދިމާކޮށް މިލަންދޫ ކައުންސިލުން ރާވައިގެން ކުރިއަށްގެންދާ މިލަންދޫ ކައުންސިލް ކަޕްގެ ތިންވަނަ ދުވަހުގެ މެޗުތައް ލިންކް ސްޕޯޓްސް، އީގަލްސް އަދި ވޮލްކޯ ޔުނައިޓެޑުން ކާމިޔާބުކޮށްފިއެވެ.

މި މުބާރާތުގެ ތިން މެޗެއް މިލަންދޫ މާކޯ ސްޓޭޑިއަމްގައި ރޭވެސް ކުޅެފައިވާއިރު، ފުރަތަމަ މެޗުގައި ބައްދަލުކުރީ ޑޮމިނޭޓާސް އާއި ލިންކް ސްޕޯޓްސްއެވެ. 0-14 ގެ ނަތީޖާއަކުން ލިންކް ސްޕޯޓްސް ކާމިޔާބުކުރި މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ލިންކް ސްޕޯޓްސްގެ ޖާޒީ ނަންބަރު 10، އަޔާޒު އަޙްމަދެވެ.

2 އޭޕްރީލް 2025: ފުރަތަމަ މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާ ލިންކް ސްޕޯޓްސްގެ ޖާޒީ ނަންބަރު 10، އަޔާޒު އަޙްމަދު - ފޮޓޯ: ސިޑިބަރި އެމްވީ

ދެވަނަ މެޗުގައި ކަލާފާނު އެފްސީ އާއި އީގަލްސް ވާދަކޮށް، 1-5 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކުރީ އީގަލްސް އިންނެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އީގަލްސްގެ ޖާޒީ ނަންބަރު 7، އިބްރާހީމް ޒާހީއެވެ.

2 އޭޕްރީލް 2025: ދެވަނަ މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާ އީގަލްސްގެ ޖާޒީ ނަންބަރު 7، އިބްރާހީމް ޒާހީ - ފޮޓޯ: ސިޑިބަރި އެމްވީ

މީގެ އިތުރުން ދަރަކަން އެފްސީއާ ވާދަކޮށް، ރޭގެ ތިންވަނަ މެޗު 3-6 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ވޮލްކޯ ޔުނައިޓެޑުންނެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވޮލްކޯ ޔުނައިޓެޑްގެ ޖާޒީ ނަންބަރު 11، ޢަލީ ޖުނައިދެވެ.

2 އޭޕްރީލް 2025: ތިންވަނަ މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާ ވޮލްކޯ ޔުނައިޓެޑްގެ ޖާޒީ ނަންބަރު 11، ޢަލީ ޖުނައިދު - ފޮޓޯ: ސިޑިބަރި އެމްވީ

މިރޭވެސް މި މުބާރާތުގެ ތިން މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. ފުރަތަމަ މެޗުން ފެނިގެންދާނީ ދަރަކަން އެފްސީއާއި ކަލާފާނު އެފްސީ ކަމަށްވާއިރު، ދެވަނަ މެޗުގައި ބައްދަލުކުރާނީ އީގަލްސް އާއި ޑޯމިނޭޓާސް އެވެ. އަދި ތިންވަނަ މެޗުގައި ވާދަކުރާނީ ލިންކް ސްޕޯޓްސް އާއި ސިކްސްޕެކް އެސްސީންނެވެ.

މިލަންދޫ ކައުންސިލް ކަޕް 2025 ގެ މެޗުތައް މާރިޗު 31 އިން އޭޕްރީލް 10 ގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، މި މުބާރާތުގެ މެޗުތައް ބެލުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއް މީހުން ވަނީ މިލަންދޫއަށް ގޮސްފައެވެ. މި މުބާރާތުގެ ހުރިހާ މެޗެއްވެސް މިލަންދޫ ކައުންސިލްގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ލައިވްކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު