Monday, November 2
އަލިފާން ރޯވި ބޯޓުން ދަތުރުކުރި މީހަކު ގެއްލިގެން ހޯދަން ފަށައިފި

ތ. ހިރިލަންދޫން މާލެއަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ "ހޮޅުދޫ ބޯޓު" ގައި ހިނގި އަލިފާނުގެ ހާދިސާގައި ބޯޓުން ދަތުރުކުރި ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ބޯޓުގައި ތިބި 18 މީހުންގެ ތެރެއިން 17 މީހުން ވަނީ ސަލާމަތް ކުރެވިފައެވެ. ނަމަވެސް މި ހާދިސާގައި ގެއްލިގެން ހޯދަމުން ދަނީ ލާމު މާވަށަށް ނިސްބަތްވާ 25 އަހަރުގެ ޢަލީ މުޝްފިގް މުހައްމަދު ނަމަކަށް ކިޔާ ޒުވާނެކެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވަނީ އެ ސަރަހައްދުގައި ގެއްލިފައިވާ ފަރާތް ހޯދުމުގެ މަސައްކަތް ފަށާފައިވާއިރު ބޯޓުން ސަލާމަތް ކުރި މީހުންގެ ހާލު ރަނގަޅުކަމަށްވެސް އެމްއެންޑީއެފް އިން ވަނީ މައުލޫމާތު ދީފައެވެ.

މި ހާދިސާގައި ބޯޓު ވަނީ އެއްކޮށް އަނދާ ހުލިވެފައެވެ. ނަމަވެސް އަލިފާން ރޯވި ސަބަބު މި ވަގުތާ ހަމައަށްވެސް ވަނީ ސާފުނުވެއެވެ.

އެމްއެންޑީއެފުން މަޢުލޫމާތު ދީފައިވާ ގޮތުގައި ސަލާމަތްކުރެވުނު ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އަދި ގެއްލިފައިވާ ފަރާތް ހޯދުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު