Monday, November 2
ނިލަންދޫގައި ގާއިމުކުރާ އާ ނަރުދަމާގެ މަސައްކަތް 2026އަށް ނިމޭނެ: މަތީން

ފ. ނިލަންދޫގެ ނަރުދަމާގެ މައްސަލަ ހައްލުކުރުމަށް ގާއިމުކުރާ "ގްރެވިޓީ ނަރުދަމާ" ނިޒާމުގެ މަސައްކަތް 2026 ވަނަ އަހަރުގެ ފަހުކޮޅު ނިންމާލެވޭނެ ކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލްމަތީން ވިދާޅުވެއްޖެ އެވެ.

މިހާރު ނިލަންދޫގައި ގާއިމުކޮށްފައިވާ ނަރުދަމާ ނިޒާމަކީ ވެކިއުމް ނަރުދަމާ ނިޒާމެއް ކަމަށާއި، 15 އަހަރަށް އަމާޒުކޮށް ޑިޒައިންކޮށްފައިވާ އެ ނިޒާމަށް މިހާރު ވަނީ 18 އަހަރު ވެފައި ކަމަށް މަތީން ވިދާޅުވި އެވެ. އަދި މި ނިޒާމު ހިންގާ މަރާމާތުކޮށް ބެލެހެއްޓުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

"މިހާރު ރަށުގައި އަޅާފައިވާ ވެކިއުމް ނިޒާމްގެ ހިދުމަތް މެދުނުކެނޑޭނެ ގޮތަކަށް މުޅިން އާ ގްރެވިޓީ ނިޒާމެއް ގާއިމްކުރުމަކީ ގޮންޖެހުންތަކަކާއި ކުރިމަތިވާނެ މަސައްކަތެއް," މަތީން ވިދާޅުވި އެވެ.

އަލަށް ގާއިމުކުރާ ގްރެވިޓީ ނަރުދަމާ ނިޒާމުގެ ޑިޒައިން މަސައްކަތް މިހާރު ވަނީ ފަށާފައި ކަމަށާއި، ޑިޒައިން މަސައްކަތަށް ބޭނުންވާ ބިންތައް ކަނޑައެޅުމާއި ލޭންޑް ސާވޭ އަދި ޓޮޕޮގްރަފިކް ސާވޭ ނިމިފައިވާ ކަމަށް އެމްޑަބްލިއުއެސްސީން މައުލޫމާތު ދެއްވި އެވެ. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ރަށުގައި ފެށުމަށް ވަނީ އަންނަ މެއި މަހުގެ ތެރޭގައި ތާވަލުކޮށްފައެވެ.

އެމްޑަބްލިއުއެސްސީގެ މަސައްކަތުގެ ތެރޭގައި ހިމެނެނީ ހަމައެކަނި ގްރެވިޓީ ނިޒާމު ގާއިމްކުރުން ކަމަށާއި، އެ މަސައްކަތް ކުރިޔަށްދާ މުއްދަތުގެ ތެރޭގައި ވެސް މިހާރުގެ ވެކިޔުމް ސިސްޓަމް މަރާމާތުކޮށް ހިންގާ ބެލެހެއްޓުން ކުރިއަށް ގެންދާނީ ނިލަންދޫގައި މިހާރު ވެސް ޔުޓިލިޓީގެ ހިދުމަތް ފޯރުކޮށްދޭ އިދާރާތަކުން ކަމަށް މަތީން ވިދާޅުވި އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު