މިހާތަނަށް ރާއްޖޭގައި ބޭއްވި އެއްވެސް ފެސްޓިވަލަކަށް ނޫނީ ކާނިވަލަަކަށް ނުވަތަ އެހެންވެސް ކުޅިވަރުތައް ހިމެނޭ ހަވީރަކަށްވެސް ނުލިބޭ ވަރުގެ ބޮޑު ތަރުހީބެއް ލިބުނު ފިޠުރު ޢީދާ ގުޅުވައިގެން ބޭއްވި "ޢީދު ހަވީރު" މިއަދު ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.
ޤައުމީ ދިފާޢީ ބާރުން އިސްނަގައިގެން އިންތިޒާމު ކުރި މި ހަރަކާތަކީ ފަހުގެ ތާރީޚެއްގައި މާލޭގައި ފިޠުރު ޢީދު މިހާ ކުލަގަދަކޮށް ފާހަގަކުރި ފުރަތަމަ ފަހަރެވެ. ތިން ދުވަހުގެ މުއްދަތަށް ޖުމްހޫރީ މައިދާން، ޝަހީދުންގެ ބިނާ އަދި ސަލްޓަން ޕާކުގައި ކުރިއަށްގެންދިޔަ މި ހަރަކާތުގައި ސަރުކާރުގެ މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ފުރިހަމަ އެއްބާރުލުން ލިބިގެންދިޔައެވެ.
މި ހަރަކާތުގެ ތެރެއިން ދިވެހި ސަގާފަތާއި ކުރީގެ ކުޅިވަރުތައް ދައްކާލުމުގެ އިތުރުން ޒަމާނީ ކެރެކްޓަރުތައްވެސް ހިމަނައި، ކުޑަކުދިންނާއި ބޮޑެތި މީހުންނަށް އުފާވެރި ވަގުތުތަކެއް ހޭދަކުރުމުގެ ފުރުސަތު ލިބިގެންދިޔައެވެ. އަދި ސިފައިންނާއި ފުލުހުންގެ އުޅަނދުތަކާއި އާލާތްތައް ބަލައި ތަޖުރިބާކުރުމުގެ ފުރުސަތުވެސް އާންމުންނަށް ހުޅުވާލެވުނެވެ.
ޢީދު ހަވީރުގެ ޚާއްޞަ މެހެމާނެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޢާއިލާވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ހަރަކާތަކީ ކުރިއަށް އޮތް އަހަރުތަކުގައިވެސް މިފަދަ ހަރަކާތްތައް އިތުރަށް ފުޅާކޮށް ކުރިއަށް ގެންދިއުމުގެ ފެށުމެއް ކަމުގައި ބައިވެރިން ފާހަގަކުރެއެވެ.
މި ލިޔުން ކިޔާލުމުން