Saturday, October 31
މެންބަރުންގެ މުސާރަ ކުޑަކުރުމަށް ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރައާއި އިނާޔަތްތައް ކުޑަކުރުމަށް ގޮވާލައި ޗޭންޖު.އޯގް ގައި އޮންލައިންކޮށް ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ. މި ޕެޓިޝަނުގައި ގޮވާލާފައިވަނީ ޤައުމުގެ އިޤްތިޞާދީ ގޮންޖެހުންތަކަށް ރިޢާޔަތްކޮށް، މެންބަރުންނަށް ދެވޭ ބޮޑެތި މުސާރައާއި އިނާޔަތްތައް ކުޑަކުރުމަށެވެ.

މި ޕެޓިޝަނުގައި އެންމެ ފާހަގަކޮށްލެވޭ ކަންތައްތަކުގެ ތެރޭގައި މަޖިލިސް މެންބަރުންނަށް ދެވޭ ކޮމިޓީ އެލަވަންސް އެއްކޮށް ކަނޑާލުމަށް ގޮވާލާފައިވުމާއި، މެންބަރުންނަށް ލިބޭ ޕްރިމިއަމް ހެލްތު އިންޝުއަރެންސް ކަނޑާލައި، އާންމު ރައްޔިތުންނެކޭ އެއްހަމައަކުން އާސަންދައިގެ ޚިދުމަތް ދިނުމަށް ގޮވާލާފައިވެ އެވެ. އަދި ކުރީގެ މަޖިލިސް މެންބަރުންނަށް ދެވޭ އިނާޔަތްތައް ވެސް ހުއްޓާލުމަށް ވަނީ ގޮވާލާފައެވެ.

ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން، މަޖިލިސް މެންބަރުން ކުރާ މަސައްކަތާއި އެ ބޭފުޅުންނަށް ލިބޭ އާމްދަނީ ނުބައްދަލުވާ ކަމަށާއި، "އާންމު ރައްޔިތުންނަށް އެވްރެޖްކޮށް ލިބޭ އާމްދަނީއާ އަޅާބަލާއިރު މިއީ ތަފާތުކުރުން ބޮޑު، ބޭއިންސާފެއް" ކަމަށް ބަޔާންކޮށްފައިވެ އެވެ.

މިހާރު މަޖިލީހުގެ މެމްބަރުންނަށް މުސާރައިގެ ގޮތުގައި މަހެއްގެ މައްޗަށް 62،000ރ. އަދި ކޮމިޓީ އެލަވަންސްގެ ގޮތުގައި 20،000ރ. އާ އެކު މަހެއްގެ މައްޗަށް 82،500ރ. ލިބެ އެވެ. މިދިޔަ ޖުލައި މަހު މަޖިލީހުގައި ކުރިއަށް ގެންދެވުނު ބަހުސެއްގައި ގިނަ މެންބަރުން ވަނީ މިހާރު ލިބޭ މުސާރައާއި އިނާޔަތްތައް ވެސް ކުޑަކަމަށް ފާހަގަކުރައްވާފައެވެ.

މި ޕެޓިޝަނަކީ ޤައުމުގެ އިޤްތިޞާދީ ހާލަތަށް ރިޢާޔަތްކޮށް، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ރައްޔިތުން ގޮވާލާ ގޮވާލުމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓު

  1. ނަންމައި - 2025-04-01T23:19:27

    ތިޔަ އެލަވަންސްގެ ްިތުރުން ލިވިންގ އެލަވަންސެއްވެސް ލިބޭ ދޯ