Friday, November 13
މިހާރު ކުރިއަށް ދާ ފެނުގެ މަޝްރޫއު ނިމުމުން ގަޑިއަކު 800 ޓަނުގެ ފެން ޕަންޕުކުރެވޭނެ: އެމްޑަބްލިޔުއެސްސީ

މިހާރު ކުރިއަށްދާ ފެނުގެ މަޝްރޫއު ނިމުމުން ގަޑިއަކު 800 ޓަނުގެ ފެން ޕަންޕުކުރެވޭނެ ކަމަށް  މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމް.ޑަބްލިޔު.އެސް.ސީ) ބުނެފިއެވެ.

މިއަދަކީ އެމްޑަބްލިޔުއެސްސީގެ 30 ވަނަ އަހަރީ ދުވަހެވެ.

އެމްޑަބްލިޔުއެސްސީ އިން މިއަދު ބުނީ މާލޭއާއި ހުޅުމާލޭގައި ފެން ރައްކާކުރާ އިތުރު ތާންގީތައް ހެދުމާއި އިތުރު ފެން ޕްލާންޓްތައް ބެހެއްޓުމެގު މަސައްކަތްތައްވެސް ކުރިއަށް ދާކަމަށެވެ.

ވޯޓަރ ސެކިއުރިޓީ ނުވަތަ ފެނުގެ ޚިދުމަތުގެ ކަށަވަރުކަން އިތުރުކުރުމަކީ ކުންފުނީގެ އެންމެ މުހިއްމު އެއް އަމާޒުކަމަށާއި މިގޮތުން، ގްރޭޓަރ މާލެ ސަރަހައްދުގެ މި ކުންފުނީގެ ފެން އުފައްދާ މައި މަރުކަޒުގެ އިތުރުން މާލޭގެ އެހެން ދެ ސަރަހައްދެއްގައި ފެން އުފައްދާ ދެ މަރުކަޒެއް ގާއިމް ކޮށް، ފެން އުފެއްދުން ލާމަރުކަޒު ކުރެވިފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފައިވެއެވެ.

'' މާލެއާއި ހުޅުމާލޭގައި ފެން ރައްކާކުރާ އިތުރު ތާންގީތައް ހެދުމާއި އިތުރު ފެން ޕްލާންޓްތައް ބެހެއްޓުމެގު މަސައްކަތްތައްވެސް ދަނީ ކުރެވެމުންނެވެ. މިގޮތުން، 2025 ވަނަ އަހަރު ނިމޭއިރު ފެން އުފެއްދުމުގެ ކެޕޭސިޓީ %26 އަދި ފެން ރައްކާކުރެވޭ މިންވަރު %28 އަށް އިތުރުކުރެވިގެން ދާނެއެވެ. މީގެ އިތުރުން، މާލެ އާއި ހުޅުމާލޭގެ ފެނުގެ ވިޔުގަ ގުޅާލުމަށް ސިނަމާލެ ބްރިޖްމެދުވެރިކޮށް އަޅާފައިވާ ފެނުގެ މައި ވިއުގަ ޑިސްއިންފެކްޓް ކުރުމާއި، ޕްރެޝަރ ޓެސްޓް ކުރުމުގެ މަސައްކަތް ވަނީ ނިމިފައި'' އެމްޑަބްލިޔުއެސްސީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އަދި މާލެއާއި ހުޅުމާލޭގެ ޓްރާންސްފަރ ޕަމްޕް ސްޓޭޝަން ޤާއިމްކުރުމުގެ މަސައްކަތުގެ ބޮޑުބައެއްވެސް މިހާރުވަނީ ނިމިފައިވާކަމަށާއި މުޅި މަޝްރޫޢު ނިންމާލައި، ހުޅުމާލެ އާއި މާލޭގެ ފެނުގެ ވިޔުގަ ގުޅާލައި ޚިދުމަތަށް ގެނައުމަށް ތާވަލު ކުރެވިފައިވަނީ 2025 ވަނަ އަހަރުގެ ފަހުކޮޅުގައެވެ.

މި މަޝްރޫޢު ނިމުމުން، ބޭނުންވެއްޖެ ހާލަތެއްގައި، މާލެއިން ހުޅުމާލެއަށް ނުވަތަ ހުޅުމާލެއިން މާލެއަށް، ގަޑިއަކު 800 ޓަނުގެ ފެން ޕަންޕުކުރުމުގެ ގާބިލްކަން ލިބިގެންދާނެ ކަމަށް އެކުންފުނިން މިއަދު ނެރުނުބަޔާނެއްގައި ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު