ފަރުވާގެ ނިޒާމުގެ ތެރެއިން މަސްތުވާތަކެތިން އަރައިގަތުމަށް އެހީވެދިނުމުގެ އިތުރުން އަލުން އާންމު ދިރިއުޅުމަށް އެނބުރި ދިއުމަށް މަގުފަހިކޮށްދޭނެ ކަމަށް ނެޝަނަލް ޑްރަގް އެޖެންސީގެ އެކްޓިން ސީއީއޯ މުޙައްމަދު ރާޝިދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ރާޝިދު ވިދާޅުވީ ރާއްޖޭގައި އެކަށީގެންވާ ފަރުވާގެ ނިޒާމެއް ގާއިމުކުރެވޭނީ ކޮންމެ މީހަކަށްވެސް ވަކިވަކިން ސަމާލުކަންދީގެން ކަމަށެވެ. އެގޮތުން ކޮންމެ މީހެއްގެވެސް މިޒާޖާއި ބޭނުންވާ ކަންކަމަށް ފަރުވާ ދިނުމުގައި ރިޢާޔަތްކުރަންޖެހޭކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"މީހާގެ ޒާތީ ދިރިއުޅުމާއި އޭނާ ފޫހިވާ ކަންކަމާއި ޝައުޤުތަކުގެ ވާހަކަ ދައްކަންޖެހޭ. އެކަން ދެނެގަނެވިގެން ފަރުވާދިނީމަ އޭނަ ބަދަލުވޭ. ދެން އޭނާއަށް ބޭނުންވާ ކަންކަން ވަށައިޖެހޭނެ ގޮތަކަށް ކޮށްދީގެން ރަނގަޅު ހެޔޮ މީހެއްގެ ގޮތުގައި މުޖުތަމަޢަށް އަނބުރާ ނެރެވޭނީ." ރާޝިދު ވިދާޅުވިއެވެ.
ފަރުވާގެ ނިޒާމުގެ ތެރެއިން އަޚްލާޤު ރަނގަޅު، ޚުލްގުވެރި މީހުންތަކެއްގެ ގޮތުގައި އަނބުރާ މުޖުތަމަޢުއަށް ގެނައުމަށް މަސައްކަތްކުރާ ކަމަށާއި، މީހުންގެ ޒާތީ ދިރިއުޅުމާއި، ފޫހިވާ ކަންކަމާއި، ޝައުގުވެރިވާ ކަންތައްތަކަށް ޚާއްސަ ސަމާލުކަމެއް ދެވޭ ކަމަށް ރާޝިދު ވިދާޅުވިއެވެ.
އެންޑީއޭ އާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން 2022 އޮކްޓޫބަރު 22 ވަނަ ދުވަހު ވަނީ ޚާއްސަ އޮޕަރޭޝަނެއް ފަށާފައެވެ. މި އޮޕަރޭޝަންގެ ދަށުން މަގުމަތީގައި ސަލާންޖަހާ މީހުންނާއި، ވައްކަމާއި ފޭރުމުގައި ހަރަކާތްތެރިވާ މީހުންނާއި، މަގުމަތީގައި މަސްތުގެ ހާލަތުގައި އުޅޭ މީހުންނާއި، މިސްކިތްތަކުގައި ނިދާ މަގުމަތިވެފައިވާ މީހުންނަށް ފަރުވާ ފޯރުކޮށްދެވޭނެއެވެ.
މަސްތުވާތަކެތިން އަރައިގަތުމަށް ރާއްޖޭގައި މަރުކަޒެއް ޤާއިމުކޮށް ފަރުވާދޭން ފެށީ 1997 ވަނަ އަހަރުއެވެ. އޭގެ ފަހުން މިހާހިސާބަށް އައިރު ފަރުވާގެ ނިޒާމަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސް، ޒަމާނީ ޓެކްނީކްތައް ބޭނުންކުރަން ފަށާފައެވެ. މިހާރު ރާއްޖޭގައި މަސްތުވާތަކެތިން އަރައިގަތުމަށް ފަރުވާދޭ 6 ސެންޓަރެއް ހުރެއެވެ.
މި ލިޔުން ކިޔާލުމުން