ދެކުނު އިރުމަތީ އޭޝިޔާގެ މިޔަންމާއަށް އައި ބާރުގަދަ ބިންހެލުމުގައި، އެ ޤައުމަށް ކުރިމަތިވެފައިވާ ޙާލަތަކީ އެންމެ މަތީ ދަރަޖައިގެ ކާރިސާއެއް ކަމަށް ކަނޑައަޅައި، އަވަސް އެހީއަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ، ޑަބްލިޔުއެޗްއޯއިން ގޮވާލައިފިއެވެ.
ޑަބްލިޔުއެޗްއޯއިން ބުނީ، އެ ހާދިސާގައި ޒަޚަމްވެފައިވާ އެތަކެއް ހާސް މީހުންނަށް ފަރުވާދީ، ޤައުމުގައި ބަލިތައް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި، މިހާރުން މިހާރަށް އަށް މިލިއަން ޑޮލަރުގެ އެހީ ބޭނުންވާ ކަމަށެވެ.
އެހީ ހޯދަން ދުނިޔެއަށް ގޮވައިލި ގޮވާލުމުގައި ޑަބްލިޔުއެޗްއޯއިން ބުނީ މި ކާރިސާއަށް ގްރޭޑް 3 ގެ ދަރަޖަ ދީފައިވާ ކަމަށެވެ. މިއީ މިފަދަ ކާރިސާތަކުގައި ޑަބްލިޔުއެޗްއޯއިން ކަނޑައަޅާ އެންމެ މަތީ ދަރަޖައެވެ.
މިޔަންމާއަށް ބިންހެލުން އައީ 7.7 މެގްނިޓިޔުޑްގެ ބާރުމިނުގައެވެ. އެ ބިންހެލުމުގެ 12 ވަރަކަށް މިނެޓުފަހުން، 6.4 މެގްނިޓިޔުޑްގެ ބާރުމިނުގައި އެ ސަރަޙައްދު ކައިރިއަށް އިތުރު ލޮޅުމެއް ވެސް ވަނީ އައިސްފައެވެ.
އެ ބިންހެލުމުގެ ލޮޅުން، އިންޑިޔާ އާއި ޗައިނާއަށް ވެސް ކޮށްފައިވާއިރު، އޭގެ އެންމެ ބޮޑު އަސަރެއްކޮށްފައިވަނީ އަވަށްޓެރި ތައިލެންޑަށެވެ.
ތައިލެންޑުގެ ވެރިރަށް ބެންކޮކްގެ އުސް އިމާރާތްތަކަށް ލޮޅުން އަރައި، ހަދަމުންދިޔަ 30 ބުރީގެ އިމާރާތެއް ވަނީ ވެއްޓިފައެވެ. އެ ހާދިސާގައި މަރުވި މީހުންގެ އަދަދު 18 އަށް އަރާފައިވާ ކަމަށް ކަމާގުޅޭ އިދާރާތަކުން ވަނީ ބުނެފައެވެ. ބިންހެލުމުގައި އެތަކެއް އިމާރާތެއް ވެއްޓި، މަގުތަކުގެ ބިންގަނޑު ކަނޑައިގެން ގޮސް، ބްރިޖުތައް ވެސް ވަނީ ވެއްޓިފައެވެ.
ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ، 1.7 މިލިއަން މީހުން ދިރިއުޅޭ މެންޑަލޭ އަށެވެ.
މިޔަންމާގެ އަސްކަރީ ސަރުކާރުން ބުނީ، މިހާތަނަށް 1،700 އަށް ވުރެ މީހުން މަރުވެފައިވާ ކަމަށާއި، 4،000 އަށް ވުރެ ގިނަ މީހުން ޒަޚަމްވެގެން ފަރުވާދެމުންދާ ކަމަށެވެ.
މި ލިޔުން ކިޔާލުމުން