Saturday, October 31
ފުޅަދޫގެ ސީޕްލޭން އޮޕަރޭޝަންތަކަށް އުޅަނދެއް ހޯދަނީ

އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް (އައިއޭއެސްއެލް) އިން ބ. ފުޅަދޫގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ސީޕްލޭން އޮޕަރޭޝަންތަކަށް އުޅަނދެއް ހޯދަން އިޢުލާންކޮށްފިއެވެ.

މިގޮތުން މާޅޮސްމަޑުލު ދެކުނުބުރީ ފުޅަދޫ ކައުންސިލްގެ އިދާރާ އިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ ފަސިންޖަރުންނާއި އެމީހުންގެ ދާގީނާ ބ. ފުޅަދޫއާއި ސީޕްލޭން ޕްލެޓްފޯމާ ދެމެދު އުފުލުމަށް އުޅަނދެއް ހޯދަން ބޭނުންވާ ކަމަށެވެ.

ކައުންސިލުން ބުނީ އުޅަނދުގައި މަދުވެގެން 10 ފަސިންޖަރުންނާއި އެމީހުންގެ ދާގީނާ އުފުލޭވަރުގެ ޖާގަ ހުންނަންވާނެ ކަމަށާއި، ވާރޭވެހޭ ދުވަސްތަކުގައި ފަސިންޖަރުންނާއި ދާގީނާ ހިޔާވާނެ ގޮތެއް ހުންނަން ވާނެ ކަމަށް އަދި ސަލާމަތީ ހުރިހައި ވަސީލަތްތަކެއްވެސް އުޅަނދުގައި ފުރިހަމަވެފައި ހުންނަންވާނެ ކަމަށެވެ.

މީގެ އިތުރުން އެ ކައުންސިލުން ބުނީ އޮޕަރޭޝަން ކުރިއަށްގެންދެވޭނީ ހަމައެކަނި ދުވާލުގެ ވަގުތުތަކުގައި ކަމަށާއި، ފަސިންޖަރުންނާއި ދާގީނާގެ ރައްކާތެރިކަން ކަށަވަރުކުރަންވާނެ ކަމަށާއި، އުޅަނދު ދުއްވަން ވާނީ ލައިސަންސް ލިބިފައިވާ ކެޕްޓަނުން ކަމަށެވެ.

މި އިޢުލާނަށް އަގު ހުށަހަޅަންވާނީ ފްލައިޓަކަށް ޖެހޭ ރޭޓުންނެވެ. ފްލައިޓެއް ކަމުގައި ބަލާނީ ބ. ފުޅަދޫއަށް ސީޕްލޭން ޖެއްސުމާ ހަމައިން ސީޕްލޭން ފުރަންދެން ކަމަށްވެސް އެ ކައުންސިލުން ބުންޏެވެ.

އެ ކައުންސިލުން ވަނީ މި ޝަރުތުތައް ފުރިހަމަވާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އޭޕްރީލް 6 ވާ އާދީއްތަ ދުވަހުގެ 11:00 އަށް އެ ފުޅަދޫ ކައުންސިލްގެ އިދާރާއަށް ވަޑައިގެން ސިޓީއަކުން އަގު ހުށަހެޅުމަށް އެދިފައެވެ.

މޯލްޑިވިއަނުން ވަނީ ބ. ފުޅަދޫ އަށް އެ އެއާލައިންގެ ސީޕްލޭން ދަތުރުތައް ފެށުމާއެކު، ފުޅަދޫ އާއި ފެހެންދޫ އަދި ގޮއިދޫއަށް ފަސޭހަކަމާއެކު ދިއުމަށް މަގުފަހިވެގެންދާނެ ކަމަށް ބުނެފައެވެ. މި އައު ޚިދުމަތުގެ ސަބަބުން ބ. އަތޮޅަށް ދަތުރުކުރުމަށް އަވަސް އަދި ފަސޭހަ މަގެއް ފަހިވެގެންދާއިރު، ބ. އަތޮޅަށް ދިއުމަށްޓަކައި ކުރަންޖެހޭ ދަތުރު އެންމެ 25 މިނެޓަށް ކުރުވެގެންދާނެއެވެ.

މޯލްޑިވިއަނުން މީގެ ކުރިން ބުނީ އެ އެއާލައިންގެ މި ޚިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ފިޠުރު ޢީދާ ދިމާކޮށް މާރިޗު މަހުގެ 31 ވަނަ ދުވަހު ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު