Monday, November 2
ހޯމަ ދުވަހާއި އަންގާރަ ދުވަހު ވެސް "ޢީދު ހަވީރު" ބާއްވާނެ

ފިޠުރު ޢީދު ފާހަގަކުރުމުގެ ގޮތުން މާލޭގައި މިއަދު ބޭއްވި "ޢީދު ހަވީރު" ހޯމަ އަދި އަންގާރަ ދުވަހުގެ ހަވީރުވެސް ކުރިއަށް ގެންދިއުމަށް ސަރުކާރުން  ނިންމައިފިއެވެ. މި ނިންމުމަކީ ގިނަ ޢާއިލާތަކުން މިކަމަށް ފާޅުކުރަމުންދާ ޝައުޤުވެރިކަމާއި އާއިލާގެ އެދުމަށް ނިންމާފައިވާ ނިންމުމެކެވެ.

މި ހަރަކާތަކީ ފަހުގެ ތާރީޚެއްގައި މާލޭގައި ފިޠުރު ޢީދެއްގައި ޢާއިލާތަކާއެކު އެއްތަނަކަށް ޖަމާވެ، އުފާ ފާޅުކުރުމަށް ލިބުނު އެންމެ ފުރިހަމަ ފުރުސަތު ކަމަށް ވެފައިވާކަން ފާހަގަކުރެވެއެވެ. ކުރިއަށް އޮތް ދެ ދުވަހުވެސް މި ހަރަކާތްތައް ކުރިއަށްދާނީ ޖުމްހޫރީ މައިދާނާއި، އިސްލާމީ މަރުކަޒު ހިމެނޭ ސަރަޙައްދުގެ އިތުރުން ސަލްޓަން ޕާކުގައެވެ.

ޤައުމީ ދިފާޢީ ބާރުން އިސްނަގައިގެން އިންތިޒާމުކުރި މި ހަވީރުގައި ރައީސްގެ ދެކަނބަލުންނާއި ސަރުކާރުގެ އެކި މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައިވެރިވުން ފާހަގަކޮށްލެވެއެވެ. މި ހަރަކާތުގައި އެކި އުމުރުފުރާގެ ކުދިންނާއި މީހުންނަށް އަމާޒުކޮށްގެން ތަފާތު ކުޅިވަރުތަކާއި މުނިފޫހިފިލުވުމުގެ ޙަރަކާތްތައް ވަނީ ހިމަނާފައެވެ.

ޚާއްޞަ ގޮތެއްގައި މި ހަވީރުގައި ރާއްޖޭގެ ކުރީގެ ސަޤާފަތާއި، ކުރީ ޒަމާނުގައި ދިވެހިން ކުޅެއުޅުނު ކުޅިވަރުތައް ދެއްކުމުގެ އިތުރުން ކުޑަކުދިންނަށް ޚާއްޞަކޮށްގެން ޒަމާނީ ކެރެކްޓަރުތައްވެސް ވަނީ ތަޢާރަފުކޮށްފައެވެ. މި ހަވީރުގެ ހަރަކާތްތަކުގައި އެކި އުމުރުފުރާގެ ގިނަ ބައެއްގެ ބައިވެރިވުން ލިބިފައިވާކަން ފާހަގަކުރެވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު