Monday, November 2
ހުޅުމާލޭގައި ޑްރޯން ޝޯވއެއް ބާއްވައި ހަވާ އަރުވައިފި

ފިތުރު އީދު ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ޑްރޯން ޝޯއަކާއި ހަވާގެ މިއުޒިކް ޝޯއެއް ބާއްވައިފިއެވެ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިންތިޒާމް ކުރި މި ހަރަކާތުގައި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.

30 މިނެޓުގެ ޑްރޯން ޝޯގައި އިސްލާމްދީނާ ގުޅުންހުރި މަންޒަރުތަކާއި، ރާއްޖޭގެ ސަގާފަތް އަދި އެޗްޑީސީއާ ގުޅުންހުރި މަންޒަރުތައް ދައްކާފައިވެއެވެ. އަދި ޚާއްޞަކޮށް ފަލަސްތީނުގެ މުސްލިމުންގެ ހަނދާން އާކުރުމުގެ ގޮތުން، ފަލަސްތީނުގެ ދިދަ ހިތެއްގެ ސިފައިގައި ދައްކާފައިވެއެވެ.

ޑްރޯން ޝޯގެ ފަހުން އެމްއެންޑީއެފުން ވަނީ ތިން މިނެޓުގެ ހަވާގެ މިއުޒިކް ޝޯއެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތްތައް ބެލުމަށް ސެންޓްރަލް ޕާކް ސަރަހައްދަށް ގިނަ އަދަދެއްގެ ރައްޔިތުން އެއްވެފައިވެއެވެ.

އެންމެން އެއް ތަނަކުން ދިމާވާނެ ކަހަލަ ކަންތައްތައް ބޭއްވުމަކީ ހަމަ ގައިމުވެސް ހިތްހަމަޖެހުން އެންމެންނަށް ވެސް، ހުރިހާ އުމުރެއްގެ ބަޔަކަށް ވެސް ލިބިގެންދާނެ އުފާވެރިކަމެއް،ކަމަށް މި ހަރަކާތްތައް ބަލަން ދިޔަ ފަރާތަކުން ބުންޏެވެ.

މި އަހަރުގެ ފިތުރު އީދު ފާހަގަކުރަން ފެށިފައިވަނީ މާލެ ހިމެނޭ ގޮތަށް 64 ރަށެއްގައި އީދު ބޮކި ދިއްލުމާއެކުގައެވެ. އަދި މިއަދު ހަވީރު އެމްއެންޑީއެފުން ވަނީ ޖުމްހޫރީ މައިދާނާއި ސަލްޓަން ޕާކު އަދި ހުކުރު މިސްކިތް ސަރަހައްދުގައި ކުޑަކުދިންނަށް އަމާޒުކޮށްގެން އެކި ހަރަކާތްތައް ބާއްވާފައެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ އީދު ކުލަގަދަކޮށް ފާހަގަކުރުމަށް އިސްކަންދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން މިދިޔަ އަހަރާއި މި އަހަރު ވެސް އީދު ދުވަސްތަކުގައި ގިނަ ހަރަކާތްތައް ބާއްވާފައިވާއިރު، މިއަދުގެ ހަރަކާތްތަކުގައި ރައީސް އަދި އެ މަނިކުފާނުގެ އާއިލާވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު