ސަރުކާރުން މަސައްކަތް ކުރާނީ މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި ޝިޢާރުތައް އުފުލުމުގައި ނަމޫނާ ޤައުމަކަށް ދިވެހި ޤައުމު ހެދުމަށް ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިގޮތުން ފިޠުރު ޢީދު ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި ރައީސް ވަނީ ކޮންމެ މީހަކުވެސް ޚާއްޞަކޮށް، ރަމަޟާންމަހު އަމިއްލަ ނަފުސުގެ އިޞްލާޙަށް އެދި ﷲގެ ޙަޟްރަތުގައި ދެންނެވި ފަދައިން ކުރިޔަށް އޮތް ދުވަސްތަކުގައި އަމިއްލަ ނަފްސު އިޞްލާޙުކުރުމަށް މަސައްކަތްކުރެއްވުމަށް ބާރުއަޅުއްވާފައިވެއެވެ.
މީގެ އިތރުން ޢީދުގެ އުފާތައް ލިބިގަތުމުގައި ވެސް އަދި އޭގެ ފަހުން ވެސް، ކޮންމެ ކަމެއްގައި އިސްލާމްދީނުގެ މަތިވެރި އިމުގެ ތެރޭގައި ހުރިހައި އަމަލުތަކެއް ބެހެއްޓުމަށް އެމަނިކުފާނު ނަޞޭހަތްތެރިވެވަޑައިގެންފައިވެއެވެ.
އަދި ޢީދު ދުވަހަކީ ހެޔޮ ފޯރުވުމުގެ ދުވަހަކަށް ހެދުމަށް މަސައްކަތް ކުރެއްވުމަށް އެމަނިކުފާނު ވަނީ އިލްތިމާސް ކުރައްވައިފައެވެ.
ޢިލްމުވެރީން ވިދާޅުވާ ގޮތުގައި ޢީދުގެ އެންމެ މަތިވެރި މަޤުޞަދަކީ ރޯދައިގެ އަޅުކަން ފުރިހަމަކުރުމަށް ދެއްވި ފުރުޞަތަށްޓަކައި މާތް ﷲއަށް ޙަމްދުކުރުމާއި ޝުކުރުކުރުންކަމުހައި ރައީސްގެ ޚިޠާބުގައި ފާހަގަކުރައްވާފައިވެއެވެ. އަދި މުސްލިމުން އެކަކު އަނެކެއްގެ މައްޗަށް ހިތް ހެޔޮކަން ފާޅުކޮށް އިސްލާމީ އަޚްވަންތަކަން ދިރުވައި، ޞަދަޤާތާއި ހަދިޔާއާއި އިޚްލާޞްތެރި ހެޔޮ ބަސްތަކުން ހިތްތަކަށް އުފާވެރިކަން ދިނުމަކީވެސް ޢީދުގެ މަޤުޞަދުތަކުގެތެރޭގައި ހިމެނޭކަމެއް ކަމުގައި އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.
ރައީސް ޑރ. މުޢިއްޒު ވަނީ ވީޑިއޯ މެސެޖެއް މެދުވެރިކުރައްވައި އަދި އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުންވެސް ޢީދު ދުވަހުގެ ތަހުނިޔާ ވިދާޅުވެ ޕޯސްޓެއް ހިއްސާކުރައްވައިފައެވެ.
ރައީސްގެ މި ޕޯސްޓުގައިވެސް އެމަނިކުފާނުވަނީ ރޯދައިގެ މަތިވެރި އަޅުކަން ޤަބޫލުކުރެއްވުން އެދި ހެޔޮ ދުޢާ ތަކުރާރު ކުރައްވައި، ފިޠުރު ޢީދުގެ ތަހްނިޔާއާއި މުބާރަކްބާދު، ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރިސްކުރައްވައިފައެވެ.
މި ލިޔުން ކިޔާލުމުން