މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށް އޮތް ފިތުރު އީދާ ދިމާކޮށް ޕިކްނިކް އައިލެންޑް ކުޑަގިރިއަށް ފެރީގެ ޚިދުމަތް ދޭން ފަށާގޮތަށް ނިންމައިފިއެވެ. މިއީ ކުޑަގިރިއަށް ދަތުރުކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ދަތުރުކުރާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ފޯރުކޮށްދިނުމަށް އެ ކުންފުނިން ނިންމި ނިންމުމެކެވެ.
އެމްޓީސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، އީދު ދުވަހު މާލެއިން ކުޑަގިރިއަށް ހެނދުނު 9:00 އާއި 10:30 ގައި އަދި ކުޑަގިރިން މާލެއަށް ހަވީރު 4:00 އާއި 5:30 ގައި ޚާއްޞަ ދަތުރުތަކެއް ކުރިއަށްދާނެއެވެ.
އާންމު ދުވަސްތަކުގައި މި ޚިދުމަތް ލިބެން ހުންނާނީ ހަފުތާގެ ހުކުރު އަދި ހޮނިހިރު ދުވަސްތަކުގައެވެ. މި ދުވަސްތަކުގައި މާލެއިން ކުޑަގިރިއަށް ހެނދުނު 6:30، 8:00 އަދި 9:30 ގައި ދަތުރުތައް ފެށޭއިރު، ކުޑަގިރިން މާލެއަށް ހަވީރު 4:00، 5:30 އަދި 7:00 ގައި ދަތުރުތައް ކުރިއަށްދާނެއެވެ. ދަތުރުތައް ކުރިއަށްދާނީ އެއަރކޮންޑިޝަން ކުރެވިފައިވާ ފެރީތަކުގައި ކަމަށާއި، ކޮންމެ ދަތުރެއްގެ އަގަކީ 70 ރުފިޔާކަން އެމްޓީސީސީން ފާހަގަކޮށްފައިވެއެވެ.
ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް އެސްޓީއެލްގެ އޮންލައިން ޕޯޓަލް stl.mtcc.mv މެދުވެރިކޮށް ޓިކެޓް ގަނެވޭނެއެވެ. އަދި އީދު ދުވަސް ކަށަވަރުވުމާއެކު، އީދު ދުވަހުގެ ދަތުރުތަކަށް ޓިކެޓް ނެގުމުގެ ފުރުޞަތު ހުޅުވާލެވޭނެކަމަށް އެމްޓީސީސީން މަޢުލޫމާތު ދީފައިވެއެވެ.
އިތުރު މަޢުލޫމާތު ހޯދުމަށް އެމްޓީސީސީގެ ހޮޓްލައިން ނަންބަރު 1650 އަށް ގުޅުއްވުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމަށް އެ ކުންފުނިން އަންގާފައިވެއެވެ. މި އައު ޚިދުމަތުގެ ސަބަބުން ކުޑަގިރިއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ، އެ ރަށުގެ ވިޔަފާރިތަކަށް ކުރިއެރުން ލިބޭނެ ކަމަށް ބެލެވެއެވެ.
މި ލިޔުން ކިޔާލުމުން