އިދިކޮޅު އެމްޑީޕީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބައިރު (މަންދީ) ގަޔަށް ކަޅުތެޔޮ ޖެހި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މާލޭ ކަލާފާނު ހިނގުމުން ސައިކަލެއްގައި ދުއްވާފައި ދިޔަ މީހެއްގެ ގަޔަށް، އެހެން ސައިކަލެއްގައި ދިޔަ ދެ މީހަކު ކަޅުތެޔޮ ޖެހި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ގއ. ދާންދޫ، ސަންލައިޓްވިލާ، އަޙްމަދު ރިޝްމާޙް (20 އ) ކަމަށެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މާރިޗު 27 ވަނަ ދުވަހުއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ދަނީ މި މައްސަލަ ތަޙުޤީޤު ކުރަމުންނެވެ.
އެމްޑީޕީން ކުރިއަށްގެންދިޔަ ސިލްސިލާ މުޒާހަރާއެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދަރިކަލުންނަށް ނިސްބަތްކޮށް މަންދީ ދެއްކި ދޮގު ވާހަކަތަކަކާ ގުޅިގެން، ރައީސްގެ ޢާއިލާއިން ވަނީ މަންދީއާ ދެކޮޅަށް މަދަނީ މައްސަލައެއް ހުށަހަޅައިފައެވެ.
މި ލިޔުން ކިޔާލުމުން