މުޅި ރޯދަމަހު ސްކޫލްތައް ބަންދުކުރުމާ މެދު ގޮތެއް ނިންމިޔަސް، އެ ދުވަސްތަކުގައި ވެސް މުދައްރިސުން ރަސްމީކޮށް މަސައްކަތަށް ނުކުންނަން ޖެހިދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މިއަދު ވިދާޅުވެއްޖެއެވެ.
ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޝަފީއު ވިދާޅުވީ ރޯދަމަހުގެ ފަހު 10 ބަންދުވުމުން، ރޯދަމަހުގައި ސަރުކާރު ހުޅުވާ ދުވަސްތަކުގެ އަދަދަކީ 12 ނުވަތަ 13 ދުވަސް ކަމަށެވެ. އެ 12 ނުވަތަ 13 ދުވަހުގައި ކިޔަވައިދެވެނީ ރޯދަމަސް ނޫން އެހެން މަސްތަކުގެ ހަ ދުވަހުގެ ކިޔަވައިދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.
ރޯދަމަހުގައި ކިޔެވުން ބަންދުކުރުމަށް ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ގިނަ ބެލެނިވެރީން އެދެމުންދާތީ، އެއީ...
Posted by Ismail Shafeeu on Friday, March 28, 2025
ޝަފީއު ވިދާޅުވީ، ރޯދަމަސް ބަންދުކުރުމަށް ގިނަ ބެލެނިވެރިން ރައީސްގެ އަރިހުގައި އެދިފައިވަނީ މަދު ވަގުތުތަކަކަށް ސްކޫލަށް ދަރިވަރުން ގޮވައިގެން ދިއުމުގެ ތަކުލީފުގެ އިތުރަށް، ރޯދަމަހުގައި ކިޔަވައިދިނުމަށް މިހާރު ހަމަޖެހިފައިވާ 12 ނުވަތަ 13 ދުވަހުގެ ކިޔަވައިދިނުން އެހެން މަސްތަކުގެ ހައެއްކަ ދުވަހުން ގެންދެވޭނޭކަމަށް ބެލެވޭތީ ކަމަށެވެ.
މީގެ އިތުރަށް ރޯދަމަހުގައި ގިނަ އަދަދެއްގެ ދަރިވަރުން ގަވައިދުން ސްކޫލަށް ހާޒިރުނުވުމާއި މުދައްރިސުންގެ ތެރެއިން ވެސް ބައެއް މުދައްރިސުން އާންމު މަސްތަކާ ޚިލާފަށް ރޯދަމަހުގައި ސަލާމުގެ ނުވަތަ އާއިލީ ޒިންމާގެ ޗުއްޓީ ނެގުން އިތުރުކަމަށް ރެކޯޑުތަކުން ދައްކާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ރޯދަމަހުގެ ދުވަސްތަކުގައި އާންމު އުސޫލުން ކިޔަވައިދިނުމުގެ ބަދަލުގައި ޕްރޮޖެކްޓް-ބޭސްޑް ލާނިން ފަދަ ހަރަކާތްތަކާއި، އިސްލާމްދީނަށް ހޭލުންތެރިކުރުވުމުގެ ގޮތުން ކުރިއަށްގެންދާ ތަފާތު ޕްރޮގްރާމްތައް ހިންގިދާނެ ކަމަށެވެ. އަދި ކީރިތި ޤުރުއާނަށް ދަރިވަރުންގެ ހިތްތަކުގައި ލޯބިޖެއްސުމަށް ހިންގާ ތަފާތު ހަރަކާތްތަކާއި މުބާރާތްތަކުގެ އިތުރަށް އަދަބީ ހަރަކާތްތަކަށް އިސްކަންދީގެން ސްކޫލުގެ ހަރަކާތްތައް ކުރިއަށް ގެންދެވިދާނެ ކަމަށެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ، ދީނީ އަޅުކަމަށް ފުރުސަތު ދިނުމަށް ޓަކައި ރޯދަ މަހުގެ ފަހު 10 ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކުގެ ގޮތުގައި ކަނޑައަޅުއްވައިފައެވެ. މި އަހަރު އަހަރީ ޗުއްޓީ ދިމާވީ ރޯދަމަހަށް ކަމުން، މުޅި ރޯދަމަހު ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ.
ބުރާސްފަތި ދުވަހު އެ މަނިކުފާނުވަނީ، އެހެން އަހަރުތަކުގައި ވެސް މުޅި ރޯދަމަހު ސްކޫލް ބަންދުކުރުމަށް ގިނަ ބެލެނިވެރިން އެދޭތީ އެކަން ހަމަޖައްސަވައިދެއްވޭތޯ ބެއްލެވުމަށް އެޑިއުކޭޝަން މިނިސްޓަރަށް އަންގަވައިފައިވާނެ ކަމަށް ވިދާޅުވެފައެވެ.
މި ލިޔުން ކިޔާލުމުން