ހިޖުރި މަހެއް ފެށުމަށްޓަކައި ކުރިއަށް އޮތް މަހުގެ ހަނދު ހަމަލޮލަށް ފެނުން ލާޒިމް ނޫން ކަމަށް ކުރީގެ ރައީސް އައްލުއުސްތާޛު މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރޭ އެމަނިކުފާނު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ ހިޖުރީ މަހެއް ނިމި، ކުރިއަށް އޮތް މަހުގެ ހަނދު ހަމަލޮލަށް ފެނުން ލާޒިމް ނޫން ކަމަށާއި އިރުއޮއްސުމަށް ފަހު، ކިތަންމެ ކުޑަހިނދުކޮޅަކަށް ވިޔަސް ހަނދު ނުއޮއްސި ހުރި ކަން ހިސާބުން ސާބިތުވާ ނަމަ އާ މަހެއް ފެށުނީ ކަމަށެވެ.
މައުމޫން ގެ ލިޔުއްވުމެއްގައި އެމަނިކުފާނު ވިދާޅުވާ ގޮތުން، ސައޫދީ އަރަބިއްޔާ އާއި މިސްރާއި ތުރުކީ އާއި މޮރޮކޯ ފަދަ އިސްލާމީ ގައުމުތަކަށް މިއަދުގެ އިރުއޮއްސުމަށް ފަހު، ހަނދު ނުއޮއްސި 8 މިނިޓާއި 20 މިނިޓާ ދެމެދުގެ މިންވަރަކަށް ހުންނާނެ ކަމަށް ފަލަކީ ހިސާބުން ދައްކާތީ، މާދަމާ (މާޗު 30 ވާ އާދީއްތަ ދުވަހަކީ) މި އަހަރުގެ ފިތުރު އީދު ދުވަހަށް ވާނެ ކަމަށް ވަރަށް ބޮޑަށް ޔަގީން ކުރެވެ އެވެ.
ރައީސް މައުމޫނަކީ ފަލަކީ އިލްމު އުނގެނިގެން ހުންނެވި، ދިވެހިންގެ ތެރޭގައި މަޤްބޫލު ބޭފުޅެކެވެ.
ޝައްވާލު މަހުގެ ހަނދު ފެނުމާއި ގުޅޭގޮތުން އެކެޑެމިކް ބޭފުޅެއްގެ ހިލާޔާލު ވަނީ ތަފާތުވެފައެވެ. ގައުމީ ޔުނިވާސިޓީގެ ޗާންސެލަރުކަން ވެސް ކުރައްވާފައިވާ ޑރ. ހަސަން ހަމީދު ވިދާޅުވީ، ފިތުރު އީދު ދުވަހަކީ ހޯމަ ދުވަހަށް ވުން ގާތްކަމަށެވެ.
އޭގެ ސަބަބެއްގެ ގޮތުގައި ހަމީދު ވިދާޅުވީ ހަނދު އޮއްސޭ ގަޑިއާއި އިރު އޮއްސޭ ގަޑި ދިމާވާ ހާލަތެވެ.
"މި ހާލަތުގައި އިރުގެ ދަޅަޔާ ހެދި ހަނދެއް ނުފެންނާނެ. ނުފެންނާނެ އަނެއް ސަބަބަކީ ހަނދު އުފަންވުމާއި އޮއްސުމާއި ދެމެދު ވަނީ 2:17 (ދެ ގަޑި 17 މިނެއްޓު)، ކުރިން ދެންނެވިހެން ރާއްޖޭގައި ހަނދު ފެނުމަށް، އުފަންވުމާއި އޮއްސުމާ ދެމެދު 17 ގަޑިއިރު ވާން ޖެހޭނެ. ނުފެންނާނޭ އަނެއް ދަލީލަކީ ކަނާތް ފަރާތުގައިވާ ކޮލަމްގައި އޮއްސޭއިރު ހަނދުގެ އަލިކަން ހުންނާނެ ވަރަކީ 0.0 ޕަސެންޓު ކަމަށް ލިޔެފައިވާކަން،" ހަމީދު ގެ ލިޔުއްވުމެއްގައި ވިދާޅުވިއެވެ.
މި އަހަރުގެ ފިތުރު އީދު ވާނެ ދުވަހަކާ މެދު ބަހުސް ކުރެވެމުންދާ މި ދަނޑިވަޅުގައި އެކްސްގައި ރޭ ހިއްސާ ކުރެއްވި ޕޯސްޓެއްގައި މައުމޫން ވިދާޅުވީ، ހިޖުރީމަހެއް ފެށުމަކަށް އާ މަހުގެ ހަނދު ހަމަލޮލަށް ފެނުން ލާޒިމެއް ނޫން ކަމަށެވެ. އެހެން ކަމުން މައުމޫން އެ އިޝާރާތް ކުރައްވަނީ މާދަމާ އަކީ ޝައްވާލު މަހުގެ އެއްވަނަ ދުވަސް ނުވަތަ އީދަށް ވާނެކަމާއި މެދު އެމަނިކުފާނެ ގެ އޮތް ޔަގީންކަމެވެ.
މިއަދުގެ ވަގުތެއްގައި ހިފާނެ ކަމަށް ބެލެވޭ އިރުކޭތައިގެ ސަބަބުން އަރަބި ގައުމުތަކަށް މިރޭ ޝައްވާލު މަހުގެ ހަނދު ފެނުމަކީ ނާދިރު ކަމެއް ކަމަށް ފަލަކީ އިލްމުވެރިން ވަނީ ބުނެފައެވެ.
މި ލިޔުން ކިޔާލުމުން