ޚާރިޖީ ވަޒީރު، ޑރ. ޢަބްދުﷲ ޚަލީލް، ތައިލެންޑާއި މިޔަންމާއަށް އައި ބާރުގަދަ ބިންހެލުމުގެ އަސަރުކުރި ފަރާތްތަކަށް ތަޢުޒިޔާ ދަންނަވައިފިއެވެ.
ވަޒީރު ޑރ. ޚަލީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިޔަންމާ އާއި ތައިލެންޑަށް އައި ބާރުގަދަ ބިންހެލުމުގައި އެތައް ބައެއްގެ ފުރާނަ ގެއްލި، އަނިޔާވެ، ބޮޑެތި ގެއްލުންތަކެއް ލިބުނުކަމާމެދު ފުންކޮށް ހިތާމަކުރައްވާ ކަމަށެވެ.
Deeply saddened by the devastation caused by the powerful earthquake that struck #Myanmar and #Thailand today, causing loss of many lives, injuries and massive destruction.
On behalf of the Government and people of Maldives, I extend our deepest condolences to all those who…
— Abdulla Khaleel (@abkhaleel) March 28, 2025
އެމަނިކުފާނު ވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، މި ކާރިސާގައި ފުރާނަ ގެއްލުނު ފަރާތްތަކުގެ ޢާއިލާތަކަށާޢި، ކާރިސާގެ އަސަރު ކުރި ހުރިހާ ފަރާތްތަކަށްވެސް ތަޢުޒިޔާ ދަންނަވައިފައެވެ.
އަދި މި ކާރިސާއިން އަރައިގަތުމަށް މިޔަންމާ އާއި ތައިލެންޑްގައި ކުރިއަށްދާ މަސައްކަތްތައް ކާމިޔާބުވާނެ ކަމަށް ދުޢާ ދަންނަވާ ކަމުގައިވެސް ވަޒީރު ވިދާޅުވިއެވެ.
7.6 މެގްނިޓިއުޑްގެ ބާރުމިނުގައި މިޔަންމާއަށް މި ބިންހެލުން އައީ ހުކުރު ދުވަހުގެ ހެނދުނު 11:32 ގައެވެ. މި ބިންހެލުން އައިސްފައިވަނީ ރާއްޖެއާ 3،121 ކިލޯމީޓަރު ދުރުންނެވެ.
އަދި މި ބިންހެލުމުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ނުފެންނަ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
ނަމަވެސް މި ބިންހެލުމުގެ އަސަރު ބަންގްލަދޭޝް، އިންޑިއާ، ލާއޯސް، ތައިލޭންޑް އަދި ޗައިނާގެ ވެސް ބައެއް ހިސާބުތަކަށް ވަނީ ކޮށްފައެވެ. މި ބިންހެލުމުގެ ސަބަބުން ތައިލެންޑްގެ ވެރިރަށް ބެންކޮކްގެ އިމާރާތެއް ވެއްޓި، ގިނަ އަދަދެއްގެ މީހުން މަރުވެފައިވެއެވެ.
އަދި ބިންހެލުމުގެ ސަބަބުން ބެންކޮކްގެ އުސް ގިނަ އިމާރާތްތަކަކަށް ގެއްލުންވެފައިވާ ކަމަށް ބެންކޮކްގެ ގަވަރުނަރާ ހަވާލާދީ ރޮއިޓާސް އިން ރިޕޯޓުކުރެއެވެ.
މި ލިޔުން ކިޔާލުމުން