ދެކުނު އިރުމަތީ އޭޝިޔާ ބައްރަށް އައި ބާރުގަދަ ބިންހެލުމުގައި، ތައިލެންޑާއި އަދި އެ ސަރަޙައްދުގެ އެތައް ބައެއްގެ ފުރާނަގެއްލި، ގިނަ ޢަދަދެއްގެ މީހުން ޒަޚަމްވެފައިވާތީ، ތައިލެންޑްގެ ބޮޑުވަޒީރު ޕެޓޮންގޓާން ސިނޮވަޓްރަ އަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
އެމަނިކުފާނުގެ މެސެޖުގައި ވަނީ، އެ ކާރިސާގައި މަރުވި މީހުންގެ އާއިލާތަކާއި ގެއްލުންލިބުނު މީހުންނަށް އިޚްލާސްތެރިކަމާއެކު ޙަމްދަރުދީ ފޮނުއްވާފައެވެ. އަދި ގެއްލިފައިވާ މީހުން ހެޔޮޙާލުގައި ތިއްބާ ފެނުމަށާއި، ޒަޚަމްވެފައިވާ މީހުންނަށް އަވަސް ޝިފާއެއް ދެއްވުން އެދިވަޑައިގަންނަވާކަމަށް އެމަނިކުފާނުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.
ކާރިސާގެ މި ދަނޑިވަޅުގައި ދިވެހި ރައްޔިތުން ތިބީ ތައިލެންޑްގެ ރައްޔިތުންނާ އެކުގައިކަން ހާމަކުރައްވަމުން އެމަނިކުފާނު ވަނީ، މީހުން ސަލާމަތްކުރުމުގެ މަސައްކަތާއި، ގެއްލުން ލިބުނު ސަރަހައްދު އަލުން އާރާސްތުކުރުމުގެ މަސައްކަތް އޮމާންކަމާއެކު ކުރިއަށްދާނޭކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ.
މިއަދު އެންމެ ފުރަތަމަ ބަރުމާއަށް އަށް ބިންހެލުމެއް އައިސްފައިވަނީ ރެކްޓަ މިންގަނޑުން 7.6 މެގްނިޓިއުޑުގެ ބާރުމިނުގައި، މިއަދު ހެނދުނުގެ ވަގުތުގައެވެ. އެއަށްފަހު 5.0 އާއި 4.9 މެގްނިޓިއުޑުގެ އިތުރު ބިންހެލުންތަކެއްވެސް އައިސްފައިވެއެވެ. އަދި، ޖެހިގެން އޮތް ތައިލެންޑަށްވެސް ބިންހެލުމުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވެއެވެ.
ބަރުމާ (މިޔަންމާ) އަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 10،000 އަށްވުރެ އިތުރުވުން އެކަށީގެންވާކަމަށް، ބިންހެލުންތަކާ ގުޅޭ އެމެރިކާގެ އިދާރާ، ޔޫއެސް ޖިއޮލޮޖިކަލް ސަރވޭ (ޔޫއެސްޖީއެސް) އިން ވަނީ ބުނެފައެވެ.
މި ލިޔުން ކިޔާލުމުން