އާދިއްތަ, November 1
މިޔަންމާއާއި ތައިލެންޑްގައި ތިބި ދިވެހިން އެއްވެސް އެހީއެއް ބޭނުންވާނަމަ ގުޅުމަށް އަންގައިފި

މިއަދު ތައިލެންޑާއި މިޔަންމާއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން އެ ޤައުމުތަކުގައި ތިބި ދިވެހިން އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ، ތައިލެންޑްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އަށް ނުވަތަ ޚާރިޖީ ވުޒާރާގެ ހޮޓްލައިނަށް ގުޅުމަށް ޚާރިޖީ ވުޒާރާއިން އެދެފިއެވެ.

މި ބިންހެލުމާ ގުޅިގެން އެ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ވުޒާރާއިން އެ ދެ ޤައުމުގެ ހާލަތު މޮނިޓަރ ކުރަމުންދާ ކަމަށާއި، ތައިލެންޑްގައި ދިރިއުޅޭ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ތައިލެންޑްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ މެދުވެރިކޮށް އެ ވުޒާރާއިން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި މިހާތަނަށް ބެލިބެލުމުން އެ ޤައުމުގައި ދިރިއުޅޭ ދިވެހިންގެ ޙާލު ރަނގަޅުކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި، މިޔަންމާގައި އެއްވެސް ދިވެހި ރައްޔިތަކު މިވަގުތު ހުރިތޯ ބެލުމަށް ޑިޕްލޮމެޓިކް ޗެނަލްތައް މެދުވެރިކޮށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.

މި ކާރިސާއާ ގުޅިގެން ތައިލެންޑާއި މިޔަންމާއިން ވަނީ ކުއްލި ހާލަތު އިއުލާނު ކޮށްފައެވެ.

އެހެންކަމުން، އެ ދެ ޤައުމުގެ ކަމާބެހޭ އިދާރާތަކުން މިކަމާ ގުޅިގެން އަންގާ އެންގުންތަކަށްސަމާލުވެ އެއާ އެއްގޮތަށް ޢަމަލު ކުރުމަށް، އެ ދެ ޤައުމުގައި ތިބި ދިވެހި ރައްޔިތުންނަށް ޚާރިޖީ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

މި ކާރިސާއާ ގުޅިގެން، ތައިލެންޑްގައި ތިބި ދިވެހި ރައްޔިތުންގެ ތެރެއިން އެއްވެސް ބޭފުޅަކު އެހީތެރިކަމެއް ބޭނުންފުޅުވާނަމަ، ނުވަތަ އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ، ތައިލެންޑްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ހޮޓްލައިން ނަންބަރަށް ނުވަތަ މިނިސްޓްރީގެ ހޮޓްލައިން ނަންބަރަށް ގުޅުއްވުމަށް އެ ވުޒާރާއިން އެދިފައިވެއެވެ.

އަދި މިޔަންމާގައި މިވަގުތު އެއްވެސް ދިވެހި ރައްޔިތެއްވާނަމަ، އަދި އެ ބޭފުޅަކަށް އެއްވެސް އެހީތެރިކަމެއް ބޭނުންފުޅުވާނަމަ، ތިރީގައިވާ ނަންބަރުތަކަށް ގުޅުއްވުމަށް ޚާރިޖީ ވުޒާރާއިން ވަނީ އެދިފައެވެ.

އެމްބަސީ ހޮޓްލައިން ނަންބަރު: 611766502 66+

މިނިސްޓްރީ ހޮޓްލައިން ނަންބަރު:9607983400+

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު