ޅ. އަތޮޅު ނައިފަރުގައި ޤުރުއާން ދަސްކޮށްދޭ މަރުކަޒެއް އެޅުމަށް ވަޤުފު ފަންޑުން އެހީތެރިވުމަށް ނިންމައިފިއެވެ.
މިކަން ހާމަކުރައްވާފައިވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ގިނަ ކުދިންތަކެއް ޤުރުއާން ހިތުދަސްކުރި، ޅ. ނައިފަރުގެ ޤުރުއާން ލާނިނގ ސެންޓަރ ތަރައްޤީކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް އެދިފައިވާތީވެ، މިނިސްޓްރީގެ އިސްލާމީ ވަޤުފު ފަންޑުން އެހީ ފޯރުކޮށްދިނުމަށް ވަނީ ނިންމާފަ.
— Mohamed Shaheem Ali Saeed (@Mohamedshaheem1) March 28, 2025
މިގޮތުން ވަޒީރު ވިދާޅުވީ ގިނަ ކުދިންތަކެއް ޤުރުއާން ހިތުދަސްކުރި، ޅ. ނައިފަރުގެ ޤުރުއާން ލާނިނގ ސެންޓަރ ތަރައްޤީކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް އެދިފައިވާ ކަމަށެވެ.
އެހެންކަމުން އެ ވުޒާރާގެ އިސްލާމީ ވަޤުފު ފަންޑުން އެކަމަށް އެހީ ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.
މިދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވި ޙާފިޡުން ދަސްވެނިވުމުގެ ރަސްމިއްޔާތުގައިވެސް ނައިފަރަށް ނިސްބަތްވާ ފަސް ކުއްޖަކު ވަނީ ދަސްވެނިފައެވެ.
އެއީ ޢުމުރުން 16 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡާ ޢާއިޝަތު ސާއިބަތު މުޙައްމަދު ރިކްޒާން (ފެމެލީ / ޅ. ނައިފަރު) އާއި، ޢުމުރުން 16 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡް ޢަބްދުﷲ ޙަޔާން ރަމީޒް (ގުރަހަ / ޅ. ނައިފަރު) އާއި ޢުމުރުން 15 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡް ޢާރިޝް ޢަބްދުﷲ އިބްރާހިމް (ޢާޒް / ޅ. ނައިފަރު) އާއި ޢުމުރުން 13 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡް ޒާލިފް މަދީޙް، (ހިޔާވަހި / ޅ. ނައިފަރު) އަދި ޢުމުރުން 15 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވި، އަލްޙާފިޡް ޢަބްދުﷲ ޒަކްވާން މުޙައްމަދު ރިކްޒާން (ފެމެލީ / ޅ. ނައިފަރު) އެވެ.
މި ސަރުކާރުން ދީނީ ކަންކަމަށް ދެއްވާ ޚާއްޞަ ސަމާލުކަމުގެ ސަބަބުން، ކީރިތި ޤުރްއާން އުނގަންނައި ދިނުމުގެ އަމަލީ މަސައްކަތް ވަނީ ކުރިއަށް ވުރެ ފުޅާވެގެންގޮސްފައެވެ.
އެގޮތުން މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކީރިތި ޤުރްއާން ކިޔަވައިދޭ ކްލާސްތައް ހިންގެވުމަށް ނިންމެވުމާއި ގުޅިގެން، ހިލޭ ސާބަހަށް ކިޔަވައިދޭ ކްލާސްތަކެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގެ 10 މިސްކިތެއްގައި މިހާރު ހިންގަމުން އެބަ ގެންދެއެވެ. އަދި އެކި ސަބަބުތަކާ ހުރެ ހުއްޓިފައިވާ ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ގޮފިތައް އަލުން ފެށުމުގެ ގޮތުން މުދައްރިސުން ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން 6 ރަށަކަށް ބޭނުންވާ މުދައްރިސުން ރާއްޖެއިން ބޭރުން ވަނީ ގެނަސްފައެވެ. ހަމައެއާއެކު ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ސެންޓަރުތައް 7 ރަށެއްގައި އަލަށް ޤާއިމުކޮށްފައިވެއެވެ.
މީގެ އިތުރުން ހުޅުމާލޭގައި ކީރިތި ޤުރްއާން ކިޔަވައިދިނުން އިތުރަށް ފުޅާކުރެވި، ވިލިމާލޭގައިވެސް ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ސެންޓަރެއް ހުޅުވައި ކިޔަވައިދޭން ވަނީ ފަށާފައެވެ.
ޙާފިޡުން އުފެއްދުމަށް މި ސަރުކާރުންދޭ ޚާއްޞަ އަހަންމިއްޔަތުގެ ތެރެއިން 630 ދަރިވަރުން މިހާރުވެސް ކިޔަވަމުންދާއިރު، ކީރިތި ޤުރްއާން ހިތުދަސްކުރާ ފަރާތްތަކަށް ސަރުކާރުންދޭ މާލީ ޢިނާޔަތް ދެގުނައަށް ބޮޑުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. އަދި ޙާފިޡުކަމުގެ ސެޓްފިކެޓަކީ އެޑްވާންސް ލެވެލްގެ ސެޓްފިކެޓެއްގެ ގޮތުގައި މިސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ.
ހަމައެއާއެކު މި ސަރުކާރުން އިސްނަގައިގެން މިސްކިތްތަކުގެ އިމާމުންގެ ޤުރްއާން ކިޔެވުމުގެ ފެންވަރު ރަނގަޅު ކުރުމަށް "ތަޙްސީނުލް ޤުރްއާން"ގެ ނަމުގައި ޚާއްޞަ ޕްރޮގުރާމެއް ކުރިއަށްގެންދިއުމާ، ކީރިތި ޤުރްއާނުގެ ފަންނާ ހުނަރު ތަރައްޤީކޮށް ކުރިއަށްގެންދިއުމުގެ ގޮތުން "މަޤާމާތުލް ޤުރްއާނިލްކަރީމް" ގެ ނަމުގައި ޕްރްގުރާމެއް ކުރިއަށް ގެންދެއެވެ.
އަދި މި ސަރުކާރުން ވަނީ މިއަހަރުން ފެށިގެން ދިވެހިރާއްޖޭގެ ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ސީދާ ދައުލަތުގެ ބަޖެޓުން ޚަރަދުކުރައްވައިގެން ކުރިއަށްގެންދާ މުބާރާތެއްގެ ގޮތުގައި ކަނޑައަޅުއްވާފައެވެ.
އަދި މި މުބަރާތުގެ އިތުރުން ޙާފިޡުންނަށް ޚާއްޞަ މުބާރާތެއްވެސް މިއަހަރު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ލިޔުން ކިޔާލުމުން