ފުރިހަމަ މުއުމިނަކު ދުވަހަވެސް ހެޔޮ ޢަމަލު ކުރުމަކަށް އަލްވަދާޢު ނުކިޔާނެ ކަމަށް މިއަދުގެ ހުކުތު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
މިއަދުގެ ޚުޠުބާގެ މައުޟޫޢަކީ "ރަމަޟާން މަހަށް ފަހު ހެޔޮ ޢަމަލުކުރުން މަތީ ދެމިތިބޭށެވެ!"، މިއެވެ.
މިއަދުގެ ޚުޠުބާގައި ވިދާޅުވީ އަހަރެމެންނަށް އޮތީ ޔަޤީންވެގެންވާ މަރު ބައްދަލުކޮށްފުމަށް ދާންދެން ހެޔޮ ޢަމަލު ކުރުންމަތީ ދެމިތިބުން ކަމަށާއި، އަޅުކަން ކުރުމަކީ ﷲ ޚަލްޤުކުރައްވައި، ވާޖިބުކުރައްވާފައިވާ ކަމެއް ކަމަށެވެ.
މީގެ އިތުރުން ޚުޠުބާގައި ވިދާޅުވީ އަޅުކަން ކުރުމަކީ ހަމައެކަނި ވަކި މޫސުމަކާ ގުޅިފައި އޮންނަންވާނެ ކަމެއް ނޫން ކަމަށާއި، އެހެނީ ރަމަޟާން މަހުގެ ވެރި ﷲ އަކީ، އެހެނިހެން މަސްތަކުގެވެސް ވެރި ﷲ ކަމަށާއި، މުއުމިނުންނަކީ ވަކި މަހެއްގައި ނުވަތަ ވަކި މޫސުމެއްގައި ﷲ އަށް އަޅުކަން ކުރަން ޖެހޭ ބައެއް ނޫން ކަމަށެވެ. އެގޮތުން މުއުމިނުންގެ މުޅި ހަޔާތުގައިވެސް އަޅުކަން ކުރަންޖެހޭނެ ކަމަށާއި، ބައެއް މޫސުންތަކުގައި އަޅުކަން ކުރުން ގިނަވެގެންވާ ކަމަށާއި، ރަމަޟާން މަހަކީ އެފަދަ މޫސުމެއް ކަމަށާއި، އެ މޫސުމުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ކަމަށާއި، އެ މަސް ނިމުނީމާ ވެސް މުސްލިމުން އަޅުކަމުގައި ދެމިތިބޭނެ ކަމަށް ޚުޠުބާގައި ވިދާޅުވެފައިވެއެވެ.
ރަމަޟާން މަސް އަހަރެމެންނާ ވަކިވެގެން މި ދަނީ ޝައްވާލް މަހުގެ ހަ ރޯދައިގެ ނިޢުމަތަށް މަގުފަހިކޮށްދީފައިކަން ފާހަގަކުރައްވައި މިއަދުގެ ޚުޠުބާގައި ވަނީ ހެޔޮ ކަމަށް އެދޭ މީހަކަށް ވުމަށާއި، ދީލަތިވަންތަ ﷲ ދެއްވި މި ނިޢުމަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށާއި، މުޅި އަހަރު ދުވަހު ރޯދަ ހިފިކަމުގެ ޘަވާބު ލިބިގަތުމަށް ނަސޭހަތްތެރިވެފައެވެ.
މީގެ އިތުރުން، ރަމަޟާން މަހުގައި ފަރުޟު ފަސް ނަމާދު ގަވާއިދުން ބަރާބަރަށް ކުރި ފަދައިން އެ މަހަށް ފަހުގައިވެސް އެ ގޮތުގައި ދެމިހުރުމަށާއި، ކޮންމެ ދުވަހަކު ޤުރުއާނުން ޞަފުޙާއެއް ނަމަވެސް ކިޔެވޭތޯ ބެލުމަށާއި، ހެޔޮ ޢަމަލު ކުރުމުގައި ހީވާގިވެ، ކިތަންމެ މަދުން ކުރެވުނަސް ހުއްޓައިނުލައި ކުރިއަށްދިއުމަށް ޚުޠުބާގައި ވަނީ ގޮވާލައްވައިފައެވެ.
"ކުރިން ކުރެވިފައިވާ އަޅުކަންތަކަކީ، ގިނަގުނަ ހެޔޮ ޢަމަލުތަކެއް ކަމުގައި އަހަރެމެން ދެކިގެން ނުވާނެ. އެހެނީ ކުރެވުނު ހެޔޮ ޢަމަލުތަކަށްޓަކައި އަމިއްލަ ނަފުސަށް ބޮޑާވެ، ފަޚުރުވެރިވެ، އެއީ މާގިނަ ހެޔޮ ޢަމަލުތަކެއް ކަމުގައި ދެކޭނަމަ އެ ޢަމަލުތައް ބާޠިލުވެދާނެ"، ޚުޠުބާގައި ވިދާޅުވެފައިވެއެވެ.
މިއަދުގެ ޚުޠުބާގައި އިތުރަށް ވިދާޅުވެފައިވަނީ ހެޔޮ ކަމެއް ކުރެވިއްޖެނަމަ އެ ހެޔޮ ކަމެއް ކުރެވުމުން، އޭގެ ފަހުގައި އެ ޢަމަލުތައް ކުރުން މަތީ ދެމިތިބެން ޖެހޭ ކަމަށާއި، ކުރެވުނު ޢަމަލެއްގެ މޮޅުކަމަކުން ނުވަތަ ގިނަކަމުން ސުވަރުގެ ޔަޤީންވީ ކަމަށް ދެކިގެން ނުވާނެ ކަމަށެވެ.
މި ލިޔުން ކިޔާލުމުން