Saturday, October 31
ކޯޗު ސާންތީގެ ހަނދާނުގައި ތައުޒިޔާގެ ދަފުތަރެއް ހުޅުވައިފި

ދިވެހިރާއްޖޭގެ ކުޅިވަރަށް ގިނަ ޚިދުމަތްތަކެއް ކޮށްދީފައިވާ މަޝްހޫރު ފުޓްބޯޅަ ކޯޗު މަރުހޫމް އިޙްސާން ޢަބްދުލްޣަނީ (ސާންތީ) ގެ ހަނދާނުގައި ތައުޒިޔާގެ ދަފުތަރެއް ހުޅުވައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ބޭއްވުނު ރަސްމިއްޔާތުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުގެ އިތުރުން، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނޯމަލައިޒިން ކޮމިޓީގެ ޗެއާމަން އަޙްމަދު މުޢިއްޒު އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުޙައްމަދު އަބްދުލް ސައްތާރު ބައިވެރިވެވަޑައިގެންނެވިއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ރާފިޢު ވިދާޅުވީ ސާންތި ވަކިވެގެން ދިޔުމަކީ ރާއްޖޭގެ ފުޓްބޯޅައަށް ލިބިގެންދިޔަ އުނިކަމެއް ކަމަށެވެ. ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު އިމްރާން މުޙައްމަދު ފާހަގަކުރެއްވި ގޮތުގައި ސާންތީއަކީ އެތައް ކުޅުންތެރިންގެ ކެރިއަރު ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ކޯޗެކެވެ.

ތައުޒިޔާގެ ދަފުތަރުގައި ސޮއިކުރުން މާދަމާއިން ފެށިގެން ކުރިއަށްދާނީ ހެންވޭރު ބޯޅަދަނޑުގައެވެ. އަދި މި ފުރުސަތު އަންނަ މަހުގެ 5 ވަނަ ދުވަހާ ހަމައަށް ހުޅުވާލެވިފައިވާ ކަމަށް ކުޅިވަރު ވުޒާރާއިން މަޢުލޫމާތު ދެއެވެ.

ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދިޔަ ސާންތީ އަވަހާރަވީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭގައެވެ. އޭނާގެ ޖަނާޒާ ނަމާދު ކުރެވުނީ އާދީއްތަ ދުވަހުގެ މެންދުރުފަހުގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު