ކުރިއަށް އޮތް ދެމަސްދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއް ހިމެނޭހެން 550 އަށްވުރެ ގިނަ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިގެން ކުރިއަށްދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންނާ ގާތުން މައުލޫމާތުތައް ހިއްސާކުރެއްވުމަށް ފައްޓަވާފައިވާ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މުޅި ރާއްޖެ ޝާމިލުވާގޮތަށް ކުރިއަށް އޮތް ދުވަސްތަކުގައި މަޝްރޫއުތައް ކުރިއަށް ދާނެ ކަމަށެވެ. އެގޮތުން، މިހާރުވެސް މަޝްރޫއުތައް އެކި ފަރާތްތަކާ ހަވާލުކުރެވެމުންދާއިރު 550 އަށްވުރެ ގިނަ މަޝްރޫއުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ކުރިއަށް އޮތް ދެއަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ކުޑަކުދިންގެ ޕާކެއް ތަރައްގީ ކުރުމާއި ކުޅިވަރުގެ ވަސީލަތްތައް ހިމެނޭހެން ކޮންމެ ރަށެއްގައި ދެ އަހަރު ދުވަހުގެ ތެރޭގައި ފިޓްނަސް ސެންޓަރު ތަރައްގީ ކުރެވޭނެ ކަމަށްވެސްރައީސްވިދާޅުވިއެވެ.
"ވަރަށް ބާރަށް އެ މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށްދާނެ. އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް ފެނިގެންދާނީ ރައްޔިތުންނަށް ބޭނުންވާ ކަންކަން އަޅުގަނޑުމެން އިގްތިސާދު މެނޭޖްކުރަމުން، ރައްޔިތުންނަށް މިކަންކަމުގައި ލުއިތައް ދެމުން ކޮށްދެމުންދާތަން،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ހެޔޮ އަގުގައި ތެޔޮ ލިބޭނެ ގޮތް ހަމަޖެހުމަކީ މަސްވެރިންނަށް މުހިންމު ކަމެއްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ ކޮންމެ އަތޮޅެއްގެ މަދުވެގެން އެއް ރަށުން އެސްޓޯއޯއިން ވިއްކާ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމުތައް ހަމެޖެހިގެންދާނެ ކަމަށެވެ.
މި ލިޔުން ކިޔާލުމުން