ތެލެސީމިއާ ސެންޓަރު ބަދަލުކުރުމަށް ހަމަޖެހިފައިވާ "އޮރެންޖް ހިޔާ" އެއް މަސް ދުވަހުގެ ތެރޭގައި ތެރޭގައި ނިންމުމަށް ދިވެހިރާއްޖޭގެ ދިފާޢީ ބާރު (އެމްއެންޑީއެފް) އާ ހަވާލުކުރައްވާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
"ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިހާރު ތެލަސީމިއާ ސެންޓަރު ހިންގާ އިމާރާތުގައި އެކި ކަންބޮޑުވުން ހުރިކަން ފާހަގަކުރައްވައި، އެ ސެންޓަރު ބަދަލުކުރުމަށް ކަނޑައަޅާފައިވާ "އޮރެންޖް ހިޔާ" އަށް ޒިޔާރަތްކުރައްވައި އެތަން ބައްލަވާލައްވާފައިވާ ކަމަށެވެ. އަދި އެތަނުގެ މަސައްކަތުގެ، ބޮޑު ބައެއް އަދިވެސް ނުނިމޭތީއާއެކު، އަދި ކޮންޓްރެކްޓްވެސް ހަމަވާތީ މިމަހުގެ 28 ވަނަ ދުވަހުން ފެށިގެން، އެއް މަސް ދުވަހުގެ ތެރޭގައި އެތަން ނިންމުމުގެ މަސައްކަތް، ޤައުމީ ކަމެއްގެ ގޮތުގައި ކުރިއަށްގެންދިއުމަށް ސިފައިންނާ ހަވާލުކުރައްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން ރައީސް ވިދާޅުވީ އޮރެންޖް ހިޔާއަށް ތެލަސީމިއާ ސެންޓަރުގެ ޚިދުމަތް ބަދަލުކުރުމުގެ ކަންކަން ރަނގަޅަށް އަދި ޚިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހަވާނެ ގޮތަށް ކުރިއަށްގެންދިއުމަށް އިރުޝާދު ދެއްވާފައިވާނެ ކަމަށެވެ.
މީގެ އިތުރުން ރައީސް ވިދޅާުވީ ތެލަސީމިއާ ސެންޓަރަކީ ތެލަސީމިއާ ކުދިންނާ ވީހާވެސް ގާތްކޮށް، އޯގާތެރިކަމާއެކު ޚިދުމަތް ފޯރުކޮށްދޭތަނަކަށް ހެއްދެވުމަށް ބޭނުންފުޅުވާ ކަމުގައެވެ.
އަދި ދާދި ފަހުން ތެލަސީމިއާ ސެންޓަރުގައި ހިނގައިދިޔަ ކަންކަމަށް އަލިއަޅުއްވާލައްވައި އެތަނުގެ ހާލަތު ބެއްލެވުމަށްފަހު ކަންކަން ރަނގަޅުކުރުމަށް އެޅުއްވުމަށް ނިންމެވި ފިޔަވަޅުތައް ރައީސްގެ ވާހަކަފުޅުގައި ހިއްސާކުރައްވާފައިވެއެވެ.
މިގޮތުން އެ ސެންޓަރު ހިންގުމަށް ޚާއްޞަ ވަކި ފަރާތެއް ނެތްކަން ފާހަގަކުރައްވައި، އެކަން އިތުރަށް ލަސްވިޔަނުދިނުމަށް ސިވިލް ސަރވިސްގެ ތެރެއިން އެމަޤާމަށް އެކަށޭނަ ފަރާތްތައް ބެއްލެވުމަށްފަހު އެންމެ އެކަށީގެންވާ ފަރާތެއް އެ ސެންޓަރު ހިންގުމަށް މިހާރު ޢައްޔަނުކުރައްވާފައިވާކަން އެމަނިކުފާން ފާހަގަކުރެއްވިއެވެ. އަދި އެސެންޓަރު ހިންގަން ތިއްބެވި ބައެއް މުވައްޒަފުން ބަދަލުކޮށްދެއްވުމަށް އެދިފައިވާތީ އެކަންވެސްކޮށްދެއްވައި އެ މަޤާމުތަކަށް އެހެން ބޭފުޅުން ހަމަޖައްސަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ނަރުހުންގެ މަދުކަން ފާހަގަކޮށްފައިވާތީ މިހާރު 5 ނަރުހުން އެ ސެންޓަރަށް ނެގުމަށް ޢިއުލާންކޮށްފައިވާކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިއަދުގެ ޕޮޑްކާސްޓުގައި ރައީސް ވަނީ، ތެލަސީމިއާ ސެންޓަރަށް ވަޞީލަތްތައް ހަމަކުރުމަށް ނިންމަވައި، އެކަމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާފައެވެ. މިގޮތުން ޓެސްޓް ކުރުމަށް ބޭނުންވާ ވަޞީލަތްތައް ހަމަކުރުމާއި، އެކަމަށް ބޭނުންވާ ބަޖެޓުގެ ކަންކަން ހަމަޖެއްސުން ހިމެނޭ ކަމަށާއި، ފިލްޓަރުގެ މައްސަލައާއި ދެންވެސް ބެލެނިވެރިން ފާހަގަކުރެއްވި މައްސަލަތައް އެމަނިކުފާނު ވަރަށް ގާތުން ބައްލަވައި، އެކަންކަން ޙައްލުކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން