މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން މިހާތަނަށް 150 މިލިއަން ޑޮލަރު ބޭންކުތަކަށް މާރުކޮށްފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
"ރައްޔިތުންނާ އެކު"، މި ނަމުގައި ރައީސް އޮފީހުން ކުރިއަށްގެންދާ ޕޮޑްކާސްޓުގައި މިއަދު ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިއީ ކުރީގައި ބޭންކުތަކަށް ޑޮލަރު މާރުކުރާ މިންވަރަށްވުރެ 40 އިންސައްތަ އިތުރު އަދަދެއް ކަމަށެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ޑޮލަރު މާރުކުރުމާ ބެހޭ ޤާނޫނާ އެއްގޮތަށް ގިނަ ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށާއި، މިހާރު އޮތް ޑޮލަރު މާރުކުރުމާ ގުޅޭ ޤާނޫނުގެ ދަށުން، ބޭންކުތަކަށް ޑޮލަރު މާރުކުރަންޖެހޭ ފަރާތްތަކުގެ ތެރެއިން ގާތްގަނޑަކަށް 95 އިންސައްތަ ފަރާތުން ޑޮލަރު މާރުކުރަމުންދާ ކަމަށެވެ.
ރައީސް ވިދާޅުވީ ބާކީ ފަސް އިންސައްތަވެސް މީގެތެރެއަށް ވެއްދުމަށް މަސައްކަތް ކުރައްވާ ކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ ބޭންކަށް ޑޮލަރު މާރުކުރުމަށް ވަރަށް ބޮޑު އެއްބާރުލުމެއް ލިބިވަޑައިގަންނަވާ ކަމަށާއި، މިކަމުގެ ނަތީޖާއަކަށް ވަނީ ފަތުރުވެރިކަމުގެ ދާއިރާ ފުޅާވަމުންދާ ވަރަކަށް އެދާއިރާއިން ލިބޭ އާމްދަނީ ކުރިއަށްވުރެ އިތުރުވެ، އޭގެ މަންފާ ރައްޔިތުންނަށް ކުރުން ކަމުގައެވެ.
މިގޮތުން ރާއްޖޭން ބޭރަށް ފުރާ ދިވެހީންނަށް މިހާރު ބޭންކު ރޭޓުގައި ދޫކުރާ 500 ޑޮލަރުގެ ބަދަލުގައި އެއަދަދު 1000 ޑޮލަރަށްވުރެ އިތުރުކުރުމާއި، ކްރެޑިޓް ކާޑުގެ ލިމިޓް ދެގުނައަށް ބޮޑުކޮށްދެއްވުމާއި، ޓީ.ޓީ ހެދުމަށް އިތުރަށް ފުރުޞަތު ފުޅާވެގެންދާނެ ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ބޭންކަށް ޑޮލަރު މާރުކުރުމަށް ނިންމެވި ނިންމެވުމަކީ ވަރަށް ރަނގަޅަށް ކުރެއްވުނު ކަމެއް ކަމުގައި ވިދާޅުވެ ރައީސް ވަނީ މިކަމުގައި މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކަށް ޝުކުރުއަދާކުރައްވައިފައެވެ.
އެމަނިކުފާނު ވިދާޅުވީ މިކަމަކީ އެންމެހާ ރައްޔިތުންނަށް ފައިދާވާނެ، ކުރިއެރުން ލިބޭނެ ކަމެއް ކަމަށެވެ.
އަދި ކުރިއަށް އޮތް ތާނގައި ޑޮލަރުގެ އަގު ތިރިވަމުންދާނެކަމަށާއި، ޑޮލަރުގެ ކަޅުބާޒާރުން ސަރުކާރުގެ ކުންފުނިތައް ޑޮލަރު ގަތުން މަދުކުރެވޭނެ ކަމުގައިވެސް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވެފައިވެއެވެ.
މި ލިޔުން ކިޔާލުމުން