Monday, November 2
ހުރިހާ ދިވެހިންނަކީ ޤުރުއާނުން ޢަމަލު ކުރާ ބަޔަކަށް ވުމަށް ރައީސް އިލްތިމާސް ކުރައްވައިފި

ދިވެހި މުޖުތަމަޢަކީ އަދި ހުރިހާ ދިވެހިންނަކީ ދުވަހުގެ ދިރިއުޅުމުގައި ކީރިތި ޤުރުއާނަށް ޢަމަލުކުރާ ބަޔަކަށްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.

އިސްލާމީ މަރުކަޒުގައި މިރޭ ބޭއްވުނު ޤުރުއާން ހިތުދަސްކުރި 24 ޙާފިޒުންގެ ދަސްވެނިވުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ފާހަގަކުރެއްވީ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުން ފެށިގެން އެކި ސަރުކާރުތަކުން ޤުރުއާނަށް އިސްކަންދީގެން ކުރި މަސައްކަތްތަކުގެ ސަބަބުން ރާއްޖޭގައި ޙާފިޒުންގެ އަދަދު އިތުރުވެފައިވާ ކަމަށެވެ.

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، ސައްތައިން ސައްތަ މުސްލިމު ޤައުމެއްގެ ހައިސިއްޔަތުން ރާއްޖޭގެ އަޒުމާއި އުންމީދު ހުންނަންވާނީ މިހާރަށްވުރެ މާ މަތީގައެވެ. އަދި އަހަރަކު ހިފްޒުކޮށް ދަސްވެނިވާ ޙާފިޒުންގެ އަދަދު އިތުރުކުރުމަކީ ސަރުކާރުގެ އަޒުމެއް ކަމަށް ވިދާޅުވިއެވެ.

ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކީރިތި ޤުރުއާނަކީ ހަމައެކަނި ހަފުލާތަކަށް ޚާއްސަ ފޮތެއް ނޫންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ކޮންމެ ފަރުދެއްގެވެސް ދުވަހުގެ ދިރިއުޅުމުގައި އުޅުމާއި ގުޅުންތައް ބައްޓަންކުރެވެނީ ކީރިތި ޤުރުއާނާ އެއްގޮތަށްތޯ ވިސްނައިލަން ޖެހޭ ކަމަށެވެ.

"ކޮންމެ ފަރުދަކުވެސް އެމީހެއްގެ ދުވަހުގެ ދިރިއުޅުމުގައި އަމަލުކުރެވެނީ އަދި އުޅުމާއި ގުޅުންތައް ބައްޓަންކުރެވެނީ ކީރިތި ޤުރުއާނާ އެއްގޮތަށްތޯ ވިސްނައިލަންޖެހޭ،" ރައީސް ޑރ މުޢިއްޒު

ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއް ނަމަވެސް، މީހުންގެ އަބުރަށް އަރައިގަތުން ފަދަ އިސްލާމްދީނުގައި ނަހީކުރައްވާފައިވާ ކަންކަން މުޖުތަމަޢުގައި ފެތުރިފައިވާކަން ފާހަގަކުރައްވައި، ރާއްޖޭގައި ގެއްލިގެންދާ އިންސާނީ ކަރާމާތް އަނބުރާ އިޢާދަކުރެވޭނީ ހަމައެކަނި ކީރިތި ޤުރުއާނަށް ޢަމަލުކުރުމުން ކަމަށް ރައީސް ވަނީ ވިދާޅުވެފަައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު