ދިވެހިރާއްޖެއިން ނެދަލެންޑްސަށް އަލަށް ޢައްޔަންކުރެއްވި ނޮން ރެސިޑެންޓް އެމްބެސެޑަރ އެކްސްޓްރާއޯޑިނަރީ އެންޑް ޕްލެނިޕޮޓެންޝަރީ، ގީލާ ޢަލީ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ނެދަލަންޑްސްގެ ރަސްގެފާނު، ހިޒް މެޖަސްޓީ ކިންގް ވިލެމް-އެލެގްޒެންޑަރަށް އަރުވައިފައެވެ. މި ރަސްމިއްޔާތު އޮތީ ބުދަ ދުވަހު ދަ ހޭގްގެ ނޫރްޑެއިންޑޭ ޕެލެސްގައެވެ.
ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށްފަހު ރަސްގެފާނާ ބައްދަލުކުރައްވައި ސަފީރު ގީލާ ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން، ނެދަލެންޑްސްގެ ސަރުކާރަށާއި ރައްޔިތުންނަށް ސަލާމާއި ހެޔޮއެދުންތައް އަރިސްކުރައްވައިފައެވެ.
މީގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކާއި އިއާދަކުރަނިވި ހަކަތައާއި ދެމެހެއްޓެނިވި ތަރައްޤީ ފަދަ ދެ ޤާއުމުގެ މަސްލަހަތު އޮންނަ ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރުމަށާއި، ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުންތައް އިތުރަށް ބަދަހިކުރުމަށް ދިވެހި ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަންވެސް ސަފީރު ގީލާ ވަނީ ދެއްވައިފައެވެ.
މި ބައްދަލުވުމުގައި ސަފީރު ގީލާގެ އަރިހުގައި އެކަމަނާގެ ފިރިކަލުން ޢަބްދުﷲ މުޝްރިފް އަދި ބްރަސެލްސްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ފަސްޓް ސެކްރެޓަރީ، މުޙައްމަދު ޝައްފާޢު އިބްރާހީމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ޚާރިޖީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި ސަފީރު ގީލާ ދަ ހޭގަށް ކުރައްވާ ދަތުރުފުޅުގައި ނެދަލެންޑްސްގެ ޚާރިޖީ ވުޒާރާގެ އިސް އޮފިޝަލުންނާވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ލިޔުން ކިޔާލުމުން