Monday, November 2
މިއަހަރު ޙައްޖަށް ދިއުމަށް ފުރުޞަތުލިބޭ އެންމެންނަށް ދަޢުވަތު ފޮނުވައިފިން: ޝަކީލް

މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު ލިބޭ ހުރިހާ މީހުންނަށް، ޙައްޖުގެ އަޅުކަމަށް ދަޢުވަތު ފޮނުވާ ނިމިފައިވާކަމަށް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ. އަދި ޙައްޖާ ގުޅޭ އިދާރީ އިންތިޒާމުތަކުގެ 90 އިންސައްތަ މަސައްކަތް މުޅިން ނިމިފައިވާކަމަށް ސައުދީގައި ހުންނަވާ ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވިއެވެ.

"މި ހަފްތާ ނޫނީ ކުރިއަށް އޮތް ހަފްތާގައި ވިސާއަށް ހުޅުވާލާނެކަމަށް ބެލެވޭ. ހުޅުވާލާއިރަށް ޕޯޓަލް މެދުވެރިކޮށް ދިވެހިންގެ ވިސާގެ މަސައްކަތް ފެށިގެންދާނެ. މިއާއެކު ސައުދީން ވާންޖެހޭ މައިގަނޑު ތައްޔާރީތައް ނިމެނޭ،" ޝަކީލް ވިދާޅުވިއެވެ.

ޙައްޖު ކޯޕަރޭޝަނުން މަޢުލޫމާތު ދީފައިވާ ގޮތުގައި މައްކާ އަދި މަދީނާގެ ހޮޓާތަކާއި ދަތުރުފަތުރުގެ އިންތިޒާމްތައް މިހާރުވަނީ ހަމަޖައްސާ ނިމިފައެވެ. އަދި އެގްރިމަންޓްތައް ހެދުމާއި ފައިސާ ދެއްކުމުގެ މަސައްކަތްތައްވެސް ވަނީ ނިންމާފައެވެ.

މިއަހަރުގެ ޙައްޖު ދަތުރުތައް ހަމަޖައްސަނީ ޤައުމީ އެއަރލައިން މޯލްޑިވިއަން އަދި ސައުދީ އެއަރލައިން މެދުވެރިކޮށެވެ. އަދި ޙައްޖުވެރިންނަށް ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ކޯޕަރޭޝަންގެ ކްލިނިކާއި ސައުދީ ނެޝަނަލް ހޮސްޕިޓަލް ގުޅިގެން އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ.

ވޭތުވެދިޔަ އަހަރުގެ ތަޖުރިބާއަށް ބަލައި، ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދާއެކު، މިއަހަރު ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުކޮށްފައިވާކަމަށް ޝަކީލް ވަނީ ފާހަގަކުރައްވާފައެވެ.

ޙައްޖުގެ އަޅުކަމަށް މީހުން ސައުދީއަށް ދާން ފަށާނީ މޭ މަހުގެ ފަހުކޮޅުގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު