Friday, November 13
ޖޭއެސްސީއަށް ސުޕްރީމް ކޯޓުން ފަނޑިޔާރު ޝަހީދު ހަމަޖައްސައިފި
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި ސުޕްރީމް ކޯޓު ތަމުސީލުކުރައްވާ ފަނޑިޔާރަކަށް، އެ ކޯޓަށް އެންމެ ފަހުން އައްޔަންކުރެއްވި ފަނޑިޔާރު ހުސައިން ޝަހީދު ހަމަޖައްސަން އެ ކޯޓުން މިއަދު ނިންމައިފިއެވެ.

މީގެ ކުރިން ޖޭއެސްސީގައި އެ ކޯޓު ތަމުސީލުކުރެއްވީ ފަނޑިޔާރު ހުސްނުއްސުޢޫދެވެ. އެކަމަކު، އޭނާ ވަނީ ޖޭއެސްސީން ސަސްޕެންޑުކުރުމުން މަގާމުން އިސްތިއުފާދެއްވައިފައެވެ.

އެހެންވެ، ސުއޫދު އިސްތިއުފާދެއްވުމުން މަޖިލީހަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނަން ފޮނުއްވައި، މަޖިލީހުން ފާސްކުރެއްވުމުން އެ މަގާމަށް އައްޔަންކުރީ ހައިކޯޓުގެ އިސް ފަނޑިޔާރުކަމުގައި ހުންނެވި ޝަހީދެވެ. އޭނާ އެ މަގާމަށް އައްޔަންކުރީ މި މަހު 19 ގައެވެ.

ސުޕްރީމް ކޯޓުން އޮފިޝަލަކު މިއަދު ބައެއް މީޑިއާތަކަށް ވިދާޅުވީ، ޖޭއެސްސީގައި އެ ކޯޓު ތަމުސީލުކުރާ ފަނޑިޔާރަކަށް ޝަހީދު ހަމަޖައްސަން ނިންމާފައިވާ ކަމަށެވެ.

ޝަހީދު ވަނީ މިސްރުގެ އަލްއަޒުހަރު ޔުނިވާސިޓީއާއި ކުއްލިޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލު ކުރައްވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު