Friday, November 13
ބަންގްލަދޭޝްގެ މިނިވަންދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

ބަންގްލަދޭޝްގެ 54 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް މުޙައްމަދު ޝަހާބުއްދީނަށާއި، ވަގުތީ ސަރުކާރުގެ ޗީފް އެޑްވައިޒަރ ޑޮކްޓަރ މުޙައްމަދު ޔޫނުސް އަށާއި، އެ ޤައުމުގެ ސަރުކާރާއި ރައްޔިތުންނަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ދެބޭފުޅުންނަށް ވަކިވަކިން ފޮނުއްވި ސިޓީފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ރާއްޖެއާއި ބަންގްލަދޭޝާ ދެމެދު އޮންނަ ގާތް އަދި މުޙްތަރަމް ގުޅުން ހަރުދަނާކޮށްދެނީ، ސަރަޙައްދީ ސުލްޙަ މަސަލަސްކަން ދެމެހެއްޓުމާއި ފަރުދީ ފެންވަރުގައި ގުޅުންބަދަހިކުރުމާމެދު ދެ ޤައުމުން ހިއްސާކުރާ ޤަބޫލުކުރުންތައްކަމަށެވެ.

އެމަނިކުފާނު ވަނީ، ތަފާތު ދާއިރާތަކުން އެއް ޤައުމުން އަނެއް ޤައުމަށް އެއްބާރުލުންދީ އެކުގައި މަސައްކަތްކުރުމުގައި ދެމިތިބެ، ދެ ޤައުމަށްވެސް މަންފާ އިތުރުވާނޭ ފަދަ ގޮތެއްގައި މިގުޅުން ކުރިއަރަމުންދާނޭކަމުގެ ޔަޤީންކަން އެބައޮތްކަން ހާމަކުރައްވާފައެވެ.

ބަންގްލަދޭޝަށް މިނިވަންކަން ލިބިފައިވަނީ 1971 ވަނަ އަހަރުގެ މާރިޗު މަހުގެ 26 ވަނަ ދުވަހުގައެވެ.

ބަންގްލަދޭޝްގެ މިނިވަންދުވަސް އިޙުތިފާލުކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެމަނިކުފާނުގެ ރަސްމީ "އެކްސް" އެކައުންޓުންވެސް ތަހުނިޔާގެ މެސެޖެއް ހިއްސާކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު